Friday, November 20
މިދިޔަ އަހަރު 15،500 އަށްވުރެ ގިނަ އުޅަނދު ޓޯކުރި: ފުލުހުން

ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 15،500 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފައިވާ ކަމަށް އެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 73،953 އުޅަނދެއް ޗެކުކޮށް، 7،606 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، 66،347 ފަރާތަކަށް ނަސޭހަތް ދީފައިވެއެވެ. މީގެ އިތުރުން، 15،514 އުޅަނދެއް ޓޯކުރިއިރު، އޭގެ ތެރޭގައި 11،646 ސައިކަލާއި، 2،567 ކާރާއި، 478 ޕިކަޕާއި، 369 ވޭނުގެ އިތުރުން 87 ޓްރަކް ހިމެނެއެވެ. އޭގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާއިރު، ވެރިފަރާތާ ހަވާލުކުރެވުނީ 13،562 އުޅަނދެކެވެ.

މީގެ އިތުރުން، ލައިސަންސް ނެތި ދުއްވި 2،138 ފަރާތެއް ރެކޯޑުކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 2،005 އުޅަނދަކާއި ހަތަރު ފުރޮޅުލީ 133 އުޅަނދެވެ. އަދި، ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ފާހަގަވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ފޮރުޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ބުނީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ފާއިތުވި އަހަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުރާނައަށް ނުރައްކާވާފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެކަމަށް ވަކިން ހާއްސަކޮށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖުތަމައެއް ބިނާކުރުމަކީ ފުލުހުންގެ އަމާޒެއް ކަމަށާއި، މިކަން ހާސިލުކުރުމަށްޓަކައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އާންމު ރައްޔިތުންގެ އެއްބާރުލުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު