މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފހުން ލަފާކޮށްފައިވާތީ، ތިން އިދާރާއެއް ހިމެނޭހެން މޫސުމީ ގެއްލުންތަކުން ރައްކާޓެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި މި ޓާސްކްފޯހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ.
މި ޓާސްކްފޯހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ގެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށޤ ސިފައިން ތިބީ ތައްޔާރަށޤ ކަމަށާޢި، މާލެއާއި އަތޮޅުތެރޭގައި ވެލި ބަަސްތާ ޖަހައި ޕަމްޕު ސްޓޭޝަން ބޭނުންކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. މިގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސިފައިންގެ ސަރަހައްދީ ކޮމާންޑް މަރުކަޒުތައް ޤާއިމުވެފައިވާކަން ފާހަގަކުރައްވައި ހިލްމީ ވިދާޅުވީ، މުޅި ރާއްޖެވެސް ކަވަރުކުރުމަށް މަސައްކަތްތައް ތަރުތީބުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މާލޭގެ ކުޑަކުދިންގެ ބަގީޗާއާއި، ސަލްމާން މިސްކިތް ކައިރި އަދި ރަސްފަންނު ބަގީޗާ ސަރަހައްދުގައި ވެލިބަސްތާ ލިބޭނެ ނިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް ފުލުހުންވެސް ތިބީ ތައްޔާރަށް ކަމަށާއި، ޕޮލިސް ޕޯސްޓުތައް ނެތް ރަށްރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. ޝުޖާޢު ވިދާޅުވީ ފެން ބޮޑުވާ މަގުތައް ބަންދުކުރަމުންދާ ކަމަށާއި، އެކަން ކުރަނީ އެކަމުން ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް ކަމަށްވާތީ ހުރިހާ ރައްޔިތުންވެސް ފުލުހުންގެ އިރުޝާދުތަކަށް ބޯލެނބުން މުހިންމު ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ސީ.އީ.އޯ ޙިސާން ޙަސަން ވަނީ އެ އޮތޯރިޓީގެ އިމަރޖެންސީ ސެންޓަރުވެސް އެކްޓިވޭޓްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި، ސައިކަތުލތައް ރައްކާތެރި ސަރަހައްދުތަކުގައި ޕާކުކުރުމަށާއި، މުދާތައް ފެންބޮޑުވެއްޖެނަމަ ގެއްލުން ނުވާނެ ހިސާބެއްގައި ބެހެއްޓުމުގެ އިތުރުންވެސް ދިމާވެދާނެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ޙިސާން ވަނީ އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން