އާދިއްތަ, November 1
އުސޫލުތަކާ ޚިލާފަށް ވެލި ނަގާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

އުސޫލުތަކާ ޚިލާފަށް ވެލި ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އާއްމުރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ މެޝިނަރީ ބޭނުންނުކޮށް، ހަމައެކަނި ޒަރޫރީ ބޭނުމަށް ވެލިނެގުމަށް ކަނޑައަޅާފައިވަ ސަރަހައްދުތަކެއް ނަމަވެސް، މިފަދަ ސަރަހައްދުތަކުން، ހެދިފައިވާ އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާ ކަމުގެ ޝަކުވާ އެއެޖެންސީއަށް ލިބެމުންދާ ކަމަށެވެ.

މިގޮތުން، މެޝިނަރީ ބޭނުންކޮށްގެން އަދި ވިޔަފާރި އުސޫލުން އެކި އެކި ބޭނުމަށް ވެލި ނަގަމުންދާކަން ފާހަގަވެފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

ކޮންމެ އަތޮޅެއްގައިވެސް، މެޝިނަރީ ބޭނުންނުކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލި ނެގުމަށް ވަކި ޚާއްޞަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅައިފައެވެ.

އީޕީއޭ އިން ވަނީ މެޝަނަރީ ބޭނުންކޮށްގެން ފަޅުފުންކުރުމާއި ވެލިނެގުމުގެ މަސައްކަތްތަކަކީ، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު ގަވާއިދު ނަންބަރު: (2012/R-27) ގެ ދަށުން އީ.އައި.އޭ މަރުހަލާ ފުރިހަމަކޮށްގެން، ކުރިއަށްގެންދެވޭނެ މަސައްކަތެއްކަމުން، މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގަން ޖެހިއްޖެ ހިނދެއްގައި، އަތޮޅު ކައުންސިލާއި އަދި ކަމާގުޅޭ އެހެން ސަރުކާރުގެ އިދާރާތަކާއިއެކު މަޝްވަރާކޮށް، އެކަމަށް ޚާއްސަ ފަޅެއް ކަނޑައަޅައި، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް އީ.އައި.އޭ މަރުހަލާ ފުރިހަމަކުރުމަށް އަންގައިފައެވެ.

އީޕީއޭ އިން ވަނީ އެ އޭޖެންސީން ތަންފީޒުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އަދި، ގަވާއިދުތަކާއި އުސޫލާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު މިއެޖެންސީއިން ފިޔަވަޅު އަޅަމުންގެންދާނެ ކަމުގައި ވެސް އީޕީއޭ އިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު