Saturday, November 14
ކައުންސިލްތަކުގެ ރައީސްއާ ނައިބު ފުލްޓައިމްކޮށް ތިބޭ ގޮތަށް ހެދުމަށް ރައީސްގެ ޚިޔާލެއް!

ކައުންސިލްތަކުގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ތިބޭނީ ރައީސްއާ ނައިބު ރައީސް ކަމަށް ހެދުމުގެ ޚިޔާލު ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ބަދަލުގެންނަވާނީއެކަމަށް މަޝްވަރާކުރެވި،  ރައްޔިތުންގެ ޚިޔާލާއި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެހެން ކަމުން މި ރިޕްރެޒެންޓޭޝަނަށް އަސަރު ނުކުރާ ގޮތަށް ކޮމްޕޮޒިޝަން ކުޑަކުރަން އާއްމުންގެމެދުގައި މިކަމާއި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ރައީސް ވަނީ ހުޅުވާލައްވާފައެވެ.

"ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ތިބޭނީ ކައުންސިލްގެ ރައީސްއާ ނައިބު ރައީސް ގޮތުގައި ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް" ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ފުލްޓައިމް މަޤާމަކަށް ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބު ކުރާގޮތަށް ހަމަޖެހިދާނެކަމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ. ހަމައެއާއި އެކު މިހާރުވެސް ތިބޭ ޢަދަދަށް ކައުންސިލަރުން އިންތިޚާބުކުރި ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް އެލަވެންސް އެއް ލިބޭގޮތަށް ހެދުމަށް ފެނިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްތަކުގައިވެސް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ފުލްޓައިމްކޮށް މަސައްކަތްކުރާ ގޮތަށް ދެންތިބި މެންބަރުންނަކީ ހާޒިރުވާ ކޮންމެ ޖަލްސާއަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ރޭ ވިދާޅުވިއެވެ.

ހަމަ މި އުޞޫލަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީވެސް ބަދަލުކުރެވިދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމުގައި ރައްޔިތުން ވީހާވެސް ފުޅާދާއިރާއެއްގައި ސީރިއަސްކޮށް މަޝްވަރާކުރުމަށް އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު