ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުالله ޚަލީލް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ތަޙުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ޔޫ.އޭ.އީ.އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުން އިސްކަންދޭ ދާއިރާތައް ހޯދައި އެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ ޔަޤީންކަމާއި ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން އެރުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ފިސްކަލް ރިފޯމް އެޖެންޑާއާއި ތަރައްޤީގެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ވަޒީރު ޑރ. ޚަލީލް މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ޔޫ.އޭ.އީ.ގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ.) މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ އަގުހުރި އެހީތެރިކަމަށް، ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމުގެ މަޝްރޫޢަށް ދެއްވާ އެހީތެރިކަމަށް ވަޒީރު ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި އެމްބެސެޑަރ އެޓް ލާޖް ޢަބްދުالله ޙަމީދާއި ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ހައްސާން ވަހީދާއި ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ މަރްޔަމް ރީޝާއާއި ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ މޫމިނާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން