މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ ވައިޑް-ބޮޑީ އެއަރކްރަފްޓް ގެނެވި އުދުހެން ފަށާނެ ކަމަށް ރައިސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއަރކްރަފްޓް އޮޕަރޭޝަންސް އިފްތިތާޙް ކުރެއްވުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެންފައި ވާނީ މޯލްޑިވިއަންގެ ފްލިޓަށް 2 ވައިޑް- ބޮޑީ މަތިންދާ ބޯޓް ގެނައުމަށް ކަމަށެވެ.
މިއަދު ގެނެވުނު އެއަރކްރަފްޓެ ވެގެންދާނީ އޭވިއޭޝަންގެ ދާއިރާއަށް އަންނަ ކުރިއެރުމެއްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުން އެޅޭމުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.
"މިއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޚާއްޞަކޮށް ވަރަށް ބޮޑު ކުރިއެރުމެއް ކުރިއަށް އޮތް މަސްތަކުގައި ލިބިގެންދާނެކަމެއް.މިއީ ފެށުމެއް.އިރާދަކުރެއްވިއްޔާ މިއަދު ފުރަތަމަ ބޯޓް އައި ކަމުގަ ވިޔަސް މީގެ ދެވަނަ ބޯޓް މިއަހަރު ، 2025 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އުދުހެން ފަށާނެ. އެކަމުގެ ޔަޤީންކަން އަރުވަން" ރައިސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިއަދު ގެނެވުނު ވައިޑް-ބޮޑީ އެއަރ ކްރާފްޓް ގެ ދަތުރުތައް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ތިން މަންޒިލަކަށެވެ. އެއީ ޗެންދޫ، ޝަންހާއީ އަދި ބެއިންޖިން އެވެ. މިއިން ކޮންމެ މަންޒިލަކަށް ހަފްތާއަކު އެއް ދަތުރުކުރުމަށް ރާވާފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. އެއަށް ފަހު ދެން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޔޫރަޕަށް ކަމަށް މޯލްޑިވިއަން އިން ވަނީ ހާމަކޮށްފައެވެ.
މި ބޯޓުގައި ހުންނާނީ ޖުމުލަ 264 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ބިޒިނަސް ކްލާސް، 36 ޕްރިމިއަމް އިކޮނޮމީ އަދި 2010 އިކޮނޮމީ ކްލާސް ގޮނޑިއެވެ.
މި ލިޔުން ކިޔާލުމުން