Saturday, October 31
އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދަޢުވާކޮށްދިނުމަށް އެޗްއާރުސީއެމުން ޕީޖީ އަށް

އަންހެނަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އާދަމް އަތުހަރު (32 އ.) މަރުވި މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އުމުރުން 32 އަހަރުގައި އަތުހަރު މަރުވީ މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރަން އުޅުމުން އޭނާ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.

މި މައްސަލަ ތަޙުޤީޤުކޮށް، އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން މަރުވަންދެން ފުލުހުން ޢަމަލުކޮށްފައިވާ ގޮތް އެޗްއާރްސީއެމުން ބަލާފައިވާއިރު، މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގައި އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާ އަށް އަނިޔާކޮށް ރަހީނުކުރަން މަސައްކަތް ކޮށްފައެވެ. ފުލުހުން އަންހެން މީހާ ސަލާމަތްކުރުމަށް އުޅުމުން، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ފިލައިގެންދާން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ސައިކަލު މަޑު ކޮށްލި ދަނޑިވަޅުގައި ފުލުހަކުވަނީ މުގުރުން އަތުހަރުގެ ބޮލުގައި ޖަހައި އަންހެން މީހާ ސަލާމަތްކޮށްފައެވެ. މި ހާދިސާއާއި ގުޅިގެން އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ވަނީ އަނބުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު އަތުހަރު ބަންދުކޮށްފައި ހުރި ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން، އައިޖީއެމްއެޗް އަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ ސެޕްޓެންބަރު 2 ވަނަ ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު