Saturday, October 31
ހަމާސްއިން 34 ހައްޔަރީން ދޫކޮށްލުމަށް ތައްޔާރުކަމަށް ބުނެފި

ސުލްހައިގެ މަޝްވާރާގެ އެއްބަސްވުމުގެ ދަށުން 34 މީހުން ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށް ހަމާސްއިން ބުނެފިއެވެ.

ރޮއިޓަރސް އަދި އޭއެފްޕީ ނިއުސް އޭޖެންސީތަކުން ފަލަސްތީނުގެ ގްރޫޕެއްގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، އިސްރާއީލާއެކު އެއްބަސްވުމެއްގެ ދަށުން 34 މީހުން ދޫކޮށްލުމަށް ހަމާސްއިން ތައްޔާރަށް ތިބި ކަމަށެވެ.

އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަން ހާމަނުކުރާ ގޮތުގެ މަތިން ހަމާސްގެ އޮފިޝަލަކު ބުނެފައިވަނީ، ޤައިދީން ބަދަލުކުރުމަށް އެއްބަސްވެފައި ވަނީ، ސުލްހައިގެ މަޝްވަރާގެ ފުރަތަމަ މަރުހަލާގެ ދަށުންކަމަށެވެ.

އޭނާ ބުނި ގޮތުގައި، ފުރަތަމަ ބަދަލުކުރުމުގައި ހިމެނޭނީ ޣައްޒާގައި ބަންދުކޮށްފައިވާ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނެވެ.

ހަމާސްއިން ބުނެފައިވަނީ އެއްބަސްވުމެއް ވެވޭނީ އިޒްރޭލުން ދާއިމީ އެއްބަސްވުމެއްގެ ދަށުން ޣައްޒާއިން ފޭބުމަށް ފަހު އެ ޤައުމުގެ ބާރުތައް ހަވާލުކުރުމުންނެވެ.

އާދީއްތަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، ދޫކޮށްލުމަށް އެކަށީގެންވާ މީހުންގެ ލިސްޓެއް ހަމާސްއިން އަދި ހުށަހަޅާފައިނުވާ ކަމަށެވެ.

މި ރިޕޯޓުތައް އައިސްފައިވަނީ ޤަޠަރުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާ އެއްބަސްވުމަކަށް ވާސިލުވުމާ ހަމައަށް އައިސްފައި ވަނިކޮށެވެ.

މި މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިދާރާއިން އުންމީދުކުރަނީ، އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމާ ހަވާލުވުމުގެ ކުރިން، މި މަޝްވަރާތަކުން ކުރިއެރުމެއް ލިބުމަށެވެ.

ޤަޠަރުގެ ވެރިރަށް ދޯހާއިން އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެފަރާތުގެ ދެމެދުގައި އަދިވެސް އެއްބަސް ނުވެވޭ ވަރަށް ގިނަ ކަންކަން ހުރިކަމަށެވެ.

މިހާރު ކުރެވެމެންދާ މައިގަނޑު މަޝްވަރާއަކީ، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ކުރިމަތިވާނެ ނަތީޖާއަކާ ގުޅޭގޮތުން ޓްރަމްޕް ދީފައިވާ އިންޒާރުތަކާ ހެދިއެވެ.

މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް މި ހަނގުރާމަ ނިމޭނެކަމުގެ މާބޮޑު ފެހި ސިގްނަލެއް ލިބިފައިނެތެވެ. އެހެންކަމުން ހަމާސްއިން ބޭނުންވަނީ އިޒްރޭލުން ސާފު އިލްތިޒާމެއް ދިނުމަށެވެ.

އާދީއްތަ ދުވަހު ވެސް އިޒްރޭލުން ވަނީ ޣައްޒާއަށް ބޮންއެޅުން ކުރިއަށް ގެންގޮސްފައެވެ. އެ ޤައުމުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަފްތާ ބަންދުގައި އެ ސަރަހައްދުގައި ހުރި 100 އަށްވުރެ ގިނަ "ޓެރަރިސްޓުން ހިމެނޭ ސަރަހައްދަށް" ހަމަލާދީފައިވާ ކަމަށެވެ.

ޣައްޒާގެ ސިއްޙީ އޮފިޝަލުން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ ފަލަސްތީނުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ނުސައިރާތު ކޭމްޕްގެ ގެއެއްގައި ތިބި ފަސް މީހުންނާއި ޚާން ޔޫނިސްގެ ފުލުހުންގެ މަރުކަޒެއްގައި ތިބި ފަސް މީހުން ހިމެނެއެވެ.

7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 45,800 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ މަރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު