Saturday, October 31
އިންޑިއާގެ ނޫސްވެރިޔަކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނިއްޖެ

ގެއްލިފައިވާ އިންޑިއާގެ ނޫސްވެރިޔަކު އަނިޔާވެރި ގޮތަކަށް މަރާލާފައި، ހަށިގަނޑު ސެޕްޓިކް ޓޭންކަކަށް ލާފައި އޮތްވާ ފެނިއްޖެއެވެ.

އިންޑިއާގައި ހިނގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަނާ ގުޅޭ ރިޕޯޓްތަކެއް ނެރެފައިވާ، އިންޑިޔާގެ 32 އަހަރުގެ މުކޭޝް ޗަންދްރަކަރު ނަމަކަށް ކިޔާ ނޫސްވެރިޔާ ވަނީ މި ފެށުނު އާ އަހަރުގެ ފުރަތަމަ ދުވަހު ގެއްލިފައެވެ. އެނާގެ އާއިލާއިން ވަނީ އެނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

އޭނާގެ މޯބައިލް ފޯނު ޓްރެކްކުރުމަށްފަހު، ބިޖާޕުރު ސަރަޙައްދުގައި މަގު ހެދުމުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރެއްގެ ގޯތިތެރޭގައި ހުރި ސެޕްޓިކް ޓޭންކަކުން ވަނީ އޭނާގެ ހަށިގަނޑު ފެނިފައެވެ.

މި މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކުރެވިފައިވާއިރު، އޭގެ ތެރޭގައި އޭނާގެ ކޮއްކޮ ވެސް ހިމެނެއެވެ. މީގެ އިތުރުން މައިގަނޑު ޝައްކުކުރެވޭ މީހުންގެ ތެރެއިން އެކަކު ކަމަށްވާ ގޯތީގެ ވެރިފަރާތް ސުރޭޝް ޗަންދްރަކަރުގެ އިތުރުން ގާތްތިމާގެ އިތުރު މީހަކު ވެސް ހިމެނެއެވެ. ނަމެވެސް އޭނާ އުޅެނީ ފިލައިގެން ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

ޖަނަވަރީ 2 ވަނަ ދުވަހު ބިޖާޕުރު ސަރަޙައްދުގެ އެ ގޯތިތެރެއަށް ގޮސް ފުލުހުން ބެލިއިރު އެއްވެސް އެއްޗެއް ފެނިފައި ނުވެއެވެ.

ނަމަވެސް، ޖަނަވަރީ 3 ވަނަ ދުވަހު އިތުރަށް ބެލިއިރު، ބެޑްމިންޓަން ކޯޓު ކައިރީގައި އަލަށް ތަޅުން އަޅާފައިވާ ސެޕްޓިކް ޓޭންކުން މުކޭޝްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގައި ބޮޑެތި އަނިޔާތަކެއް ހުރި ކަމަށާއި، އެއީ ތޫނުނޫން އެއްޗަކުން ހަމަލާ ދީގެން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭކަމަށެވެ.

މިނިވަން ނޫސްވެރިއެއް ކަމުގައިވާ ޗަންދްރަކަރު ވަނީ ސަރުކާރުގެ އިމާރާތްކުރުމުގެ މަޝްރޫޢުތަކުގައި ހިނގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ރިޕޯޓުކޮށްފައެވެ.

އޭނާ ވަނީ މަޤްބޫލު ޔޫޓިއުބް ޗެނަލެއް ކަމަށްވާ "ބަސްޓަރ ޖަންކްޝަން" ވެސް ހިންގައިފައެވެ.

އޭނާ މަރުވުމާ ގުޅިގެން، އިންޑިއާގެ ޕްރެސް ކައުންސިލުން ވަނީ މި މައްސަލައިގެ ޙަޤީޤަތްތަކާ ގުޅޭ ރިޕޯޓެއް އެ ސްޓޭޓުގެ ސަރުކާރުން ހޯދުމަށް އެދިފައެވެ.

ސަރަޙައްދުގެ ނޫސްވެރިން ވަނީ މި ކުށުގައި ތުހުމަތުކުރެވޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެދި އިހުތިޖާޖުކޮށްފައެވެ.

ކޮރަޕްޝަން އަދި ތިމާވެއްޓަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ރިޕޯޓުކުރާ ނޫސްވެރިންނަށް ހަމަލާދިނުމަކީ އިންޑިއާގައި އާންމު ކަމެކެވެ.

މޭ 2022 ގައި، ވެލި ނެގުމުގެ ޣައިރު ޤާނޫނީ މަސައްކަތުގައި ބައިވެރިވާ މީހުންނާ ބެހޭގޮތުން ރިޕޯޓްކުރި މަޝްހޫރު މިނިވަން ނޫސްވެރިއެއް ކަމަށްވާ ސުބްހާޝް ކުމާރު މަހްތޯ، ބިހާރުގައި އޭނާގެ ގެ ކައިރީގައި ހުއްޓާ ނޭނގޭ ހަތަރު މީހަކު އޭނާގެ ބޮލަށް ވަޅިޖަހައި ވަނީ މަރާލާފައެވެ.

މީޑިއާ މޮނިޓަރކުރާ ފަރާތެއް ކަމަށްވާ ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ބުނެފައިވާ ގޮތުގައި، އިންޑިއާގައި އަހަރަކު އެވްރެޖްކޮށް ތިން ނުވަތަ ހަތަރު ނޫސްވެރިން މަސައްކަތާ ގުޅިގެން މަރާލެވެއެވެ.

މިފަދަ ގިނަ ހާދިސާތަކާ ހެދި އިންޑިއާ އަކީ ނޫސްވެރިކަން ކުރުމަށް ދުނިޔޭގެ އެންމެ ނުރައްކާތެރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު