ދިއްލީގައި އުފެދިފައިވާ ބޮޑު ދުންފިނީގެ ސަބަބުން ދަތުރު ފަތުރު ކުރުމަށް ގިނަ ގޮންޖެހުންތަކަކެއް ކުރިމަތިވެއްޖެއެވެ.
މި ދުންފިނީގެ އަސަރުން ދަތުރު ކުރުމަށް ދަތިވުމާ ގުޅިގެން 51 ރޭލު ދަތުރު ލަސްވެ، އެތައް ފްލައިޓެއް ވަނީ ރީޝެޑިއުލް ކުރެވިފައެވެ.
އާދީއްތަ ދުވަހުގެ ހެނދުނު އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގަައި އުފެދުނު ބޯ ދުންފިނީގެ ސަބަބުން ވިޒިބިލިޓީ ވަނީ 0 އާއި ހަމައަށް ދަށްވެފައެވެ.
އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައި.އެމް.ޑީ) އިން ބުނާ ގޮތުގައި، އެ ދުވަހު ސިޓީގައި އެންމެ މަތީ ފިނިހޫނުމިން ހުރީ 18.6 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އާންމު އެވްރެޖަށްވުރެ 0.7 ޕޮއިންޓް ދަށް މިންވަރެކެވެ. އަދި ފިނިހޫނުމިން އެންމެ ދަށްކަމަށް ރެކޯޑުކުރެވިފައިވަނީ 9.4 ޑިގްރީ ސެލްސިއަށެވެ.
އެ ދުވަހު ނިސްބަތުން ވައިގައި ތެއްކަން ހުރީ 83 އާއި 95 އިންސައްތައާ ދެމެދުގައެވެ.
ހޯމަ ދުވަހުގެ މޫސުމަށް ބަލާއިރު، އާންމު ގޮތެއްގައި ވިލާގަނޑު ހުރުމާއެކު ހެނދުނު ވަގުތުގައި ވާރޭވެހި، ގުގުރުމާ އެކު ވިދާނެ ކަމަށް މޫސުމާބެހޭ ޑިޕާޓްމަންޓުން ލަފާކޮށްފައިވެެއެވެ.
ހެނދުނު މައިގަނޑު ގޮތެއްގައި ވައި ޖެހޭނީ ދެކުނު އިރުމަތިން ގަޑިއަކު 4 ކިލޯމީޓަރަށްވުރެ ލަސް ސްޕީޑެއްގައެވެ. ގިނަ ސަރަޙައްދުތަކެއްގައި ދުންފިނީގެ އަނދިރިކަމާއި މެދުމިނުގެ ދުންފިނި އުފެދުމުގެ ފުރުޞަތު އޮތް އިރު، ހެނދުނު ވަގުތު ބައެއް ސަރަޙައްދުތަކުގައި ބޯ ދުންފިނީގެ އަސަރު ކުރުމުގެ ފުރުޞަތު އޮތް ކަމަށް ވެސް ބެލެވެއެވެ.
މެންދުރުފަހު ވައިގެ ބާރުމިން މަޑުމަޑުން އިތުރުވެ، ދެކުނު އިރުމަތިން ގަޑިއަކު 6-8 ކިލޯމީޓަރުގެ ބާރުމިނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ފަހުން ހަވީރު އަދި ރޭގަނޑު އުތުރު ހުޅަނގުން ގަޑިއަކު 6 ކިލޯމީޓަރަށްވުރެ ލަސް މިނަކަށް ދަށްވާނެ ކަމަށް ބެލެވެއެވެ. ހަވީރު އަދި ރޭގަނޑު ލުއި ދުންފިނީގެ އަސަރު އުފެދުމުގެ ފުރުޞަތު އޮތް ކަމަށް ބެލެވެއެވެ.
އެންމެ މަތީ އަދި އެންމެ ދަށް ފިނިހޫނުމިން އެވްރެޖްކޮށް ހުންނާނީ 18 އަދި 11 ޑިގްރީ ސެލްސިއަސްގައި ކަމަށް ބެލެވެއެވެ.
މިއާ ގުޅިގެން، ދިއްލީގެ ވައިގެ ފެންވަރު ހުރީ 'ވަރަށް ދެރަ' ކެޓަގަރީގައެވެ.
ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީ.ޕީ.ސީ.ބީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިއްލީގެ 24 ގަޑިއިރުގެ އެވްރެޖް އޭކިއު (ވައިގެ ފެންވަރު ބަލާ މިންގަނޑު) ރެކޯޑުކުރެވިފައި ވަނީ 339 ގައެވެ.
މި ލިޔުން ކިޔާލުމުން