Saturday, October 31
ޣައްޒާގައި ދެދުވަސް ތެރޭ 150 މީހަކު ޝަހީދުކޮށްލައިފި

ފާއިތުވި ދެދުވަހު ޣައްޒާއަށް ދިން ހަމަލާތަކުގައި 150 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާއަށް ދޭ ޙަމަލާތައް އިޒްރޭލުން އަނެއްކާވެސް ވަރުގަދަކޮށްފައިމިވަނީ ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމުގެ މަޝްވަރާތައް ޤަތަރުގައި އަލުން ފެށުމާ ދިމާކޮށެވެ. އިޒްރޭލުގެ ޔަހޫދީ ފައުޖުން އިއްޔެ ވެސް ވަނީ ޣައްޒާގެ އެކި ހިސާބުތަކަށް ރޮކެޓު ޙަމަލާތައް ދީފައެވެ. އެގޮތުން އިއްޔެ ގެ ހަމަލާތަކުގައި 73 މީހަކު ޝަހީދުވެފައި ވާއިރު ބުރާސްފަތި ދުވަހު 77 މީހަކު ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން މި ދެތިން ދުވަހު ހަމަލާތައް އަލުން ވަރުގަދަކޮށްފައި ވާއިރު ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާތަކުގައި ވަނީ ހަމާސްގެ ފުލުހުންގެ ވެރިޔާ މަހްމޫދު ސަލާހް އާއި އޭނާގެ ނައިބުގެ އިތުރުން ވެސް ފުލުހުންގެ އިސް ވެރިންތަކެއް މަރާލާފައެވެ. އެމީހުން މަރާލާފައިވަނީ އިޒްރޭލުން ހަމަލާ ނުދޭ، ރައްކާތެރި ހިސާބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި ހުރި އިމާރާތަކަށް ހަމަލާދީގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އިސްރާއީލުން ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލަށް ދިން ހަމަލާއާއި، އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސާފިޔާ ހައްޔަރުކުރުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިޒްރޭލުން ވަނީ ޣައްޒާގައި ހުންނަ މައި ހޮސްޕިޓަލު، ކަމާލް އަދުވާނީ ހޮޕިސްޓަލަށް ވަދެގަނެ، އެ ތަނުގައި ތިބި ބަލި މީހުން ނެރެ، ހޮސްޕިޓަލުގެ ބޮޑު ބައެއްގައި ހުޅުޖަހައިފައެވެ. އިޒްރޭލުން މިހާރު ދަނީ ސަލާމަތުން ހުރި މަދު ހޮސްޕިޓަލްތަކަށާއި އެ ތަންތަނުގެ ވަށައިގެން ވެސް ހަމަލާދީ އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެހެންވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެވޭނެ ގޮތެއް ނެތި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި، ސިއްޙީ ނިޒާމު މުޅިން ހުއްޓުމަކަށް އައިސްފާވާއިރު، 55 ބަލި މީހަކަށް ފަރުވާދޭން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވެސް ވަނީ ގެންގޮސްފައެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށުނު އިސްރާއީލުގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 45،658 މީހުން ޝަހީދުވެ، 108،583 މީހުން ޒަޚަމްވެފައިވެއެވެ. އަދި އެ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި މަދުވެގެން 1،139 އިސްރާއީލު މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ރަހީނުކުރެވުނެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު