Saturday, November 14
މޫސުން: ނ. އަތޮޅުން ލ. އަތޮޅަށް ރީނދޫ ސަމާލު

ނ. އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ މިރޭ 23:00 ން ފެށިގެން މިރޭ ފަތިހު 4:00 އަށް ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކޮށްފައެވެ.

ރީނދޫ ސަމާލު ނެރެފައިމިވަނީ މިއަދު މެނދުރުން ފެށިގެން މިރޭ އެގާރަ ޖެހުމާއި ހަމައަށް އޮރެންޖް އެލާޓް ނެރުމަށް ފަހުގައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެ އާއި އަތޮޅު ތަކުގެ ރަށްރަށަށް ވަނީ ވާރޭވެހި ފެން ބޮޑުވެ އަދި އުދައެރުމުގެ ސަބަބުން ފެން ބޮޑުވެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ މިރޭ ފަތިހުވެސް ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ. އެގޮތުން ށ އަތޮޅުން ފެށިގެން މާލެ އަތޮޅާއި ހަމައަށް ވިއްސާރަ ވިލާ ބޯކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މޫސުމާއި ބެހޭ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަހްމަދު ޝާބިން ވިދާޅުވީ މޫސުން ރަނގަޅުވާން ފަށާނީ އާދީއްތަ ދުވަހު މެންދުރުން ފަށައިގެން ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

މުޅި މާލޭގައިވެސް ފެން ބޮޑުވެގެން 35 ގެއަކަށް އެހީތެރިވަމުން އަންނަ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތުދެއެވެ.

މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން އަދި ކުންފުނިތަކުން ދަނީ އެކި ސަރަހައްދުގައި  ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މިރޭގެ 8:30 އާހަމައަށް 9917 ޓަނުގެ ފެން ހިއްކާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ގޭގެއަށް ފެން ވަދެނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކުރުމުގައި ސިފައިން އަދި އެޗްޑީސީން ދަނީ ހަރަކާތްތެރިވަމުންނެވެ. ހުޅުމާލޭގައި ބައެއް ގަސްތައްވެސް ވެއްޓިފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލެއަށް 159 މިލިމީޓަރ ގެ ވާރޭވެހިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު