ރާއްޖޭގެ އިރުވައި މޫސުން ފެށުނުކަން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އިޢުލާންކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިވު މަހުގެ ނިޔަލަށް އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް އަންނަ މޫސުމެއް ކަމަށެވެ.
މީގެ އިތުރުން، އިރުވައި މޫސުން ފެށި އޭގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފަށާ ކަމަށާއި، ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ބުނީ 2024 ވަނަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ 2025 ޖަނަވަރީ 2 ވަނަ ދުވަހު ކަމަށެވެ. މިގޮތުން އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ މި ފަހަރުގެ އިރުވައި މޫސުން ފެށުން ލަސްވިކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހި، މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.
މި ލިޔުން ކިޔާލުމުން