މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
އެގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު 17:30 އިން ދަންވަރު 00:30 އަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މީގެ އިތުރުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް މިއަދު 17:30 އިން ފެށިގެން މެންދަމު 00:30 އަށް ހުދު ސަމާލު ނެރެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންނާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން ފުލުހުން ވަނީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އަންނިވި ކަންތައްތަކަށް ސަމާލުވުމަށް އެދިފައެވެ.
- ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ސައިކަލުގެ ސްޕީޑް ހިފެހެއްޓުން.
- ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން.
- ވަޔައެކު ހަލާކު ނުވާނެފަދަ ވިއްސާރަ ކޯޓު ބޭނުންކުރުން.
- ބުރުގާ އަޅުއްވާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުން.
- މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
މީގެ އިތުރުން، ކަނޑު ދަތުރުފަތުރު ކުރާއިރު އަންނަނިވި ކަންކަމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
- މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުން.
- އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަޤީންކުރުން.
- އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުން.
- އުޅަނދަކަށް ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް މުދާ ބަރުނުކުރުން.
މި ލިޔުން ކިޔާލުމުން