Saturday, October 31
ޝެއިޚް ހަސީނާގެ މައްޗަށް ދަޢުވާ ކުރުމަށް ގޮވާލައި ބަންގްލަދޭޝްގައި މުޒާހަރާ ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްޗައް ދައުވާކޮށް ޝަރީޢަތް ހިންގުމަށް އެދި އެތައް ހާސް ރައްޔިތުން އެޤައުމުގައި މުޒާހަރާކޮށްފިއެވެ.

ޖުލައި މަހު އޭނާގެ ސަރުކާރާ ދެކޮޅަށް ކުރެވުނު ބޮޑު އިންގިލާބެއްގައި މަރުވި އެތައް ސަތޭކަ މީހުންގެ އޭނާ ޒިންމާވާންޖެހޭނެ ކަމަށް ބުނެ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެންޓި ޑިސްކްރިމިނޭޝަން ސްޓޫޑެންޓް މޫވްމަންޓް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާއަށް ވަނީ، "މާރޗް ފޮރ ޔުނިޓީ" ގެ ނަމުން ނަން ދީފައެވެ. މި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ޑާކާގެ ޤައުމީ ބިނާއެއް ކަމަށްވާ ސެންޓްރަލް ޝަހީދް މިނާރު ކައިރީގައެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ހަސީނާގެ މައްޗަށް ޝަރީޢަތް ހިންގުމަށާއި އޭނާގެ ޢަވާމީ ލީގު ޕާޓީ އުވާލުމަށެވެ.

ފާއިތުވި ހަފްތާގައި ބަންގްލަދޭޝްއިން ވަނީ ހަސީނާ އަނބުރާ ގެނައުމަށް އިންޑިއާގައި ރަސްމީކޮށް އެދިފައެވެ.

މުޒާހަރާ ކުރާ ފަރާތްތައް ތަމްސީލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނޯބަލް ލޯރިއޭޓް މުޙައްމަދު ޔޫނުސް ވަނީ ރަސްމީ އިޢުލާނެއް 15 ޖަނަވަރީ ގެ ކުރިން ނެރުމަށް ވަގުތީ ސަރުކާރަށް ގޮވާލައިފައެވެ.

މި އިޢުލާނުގައި މައިގަނޑު ދެ ކަމެއް ހިމެނުމަށް އެދި މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އެއީ ހަސީނާގެ ބައްޕަ 1972 ގައި ތަސްދީގުކުރި މިހާރުގެ ޤާނޫނުއަސާސީ އުވާލުމަށްފަހު އައު ޤާނޫނު އަސާސީއެއް އެކުލަވާލުމާއި، ޢަވާމީ ލީގު ޕާޓީ އުވާލުމެވެ.

2009 އިން ފެށިގެން ހަސީނާގެ ޕާޓީން ވަނީ ބަންގްލަދޭޝްގައި ވެރިކަން ކޮށްފައެވެ.

ޑާކާގައި ހުންނަ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއިން މިހާރު ވަނީ ހަސީނާއާއި އޭނާގެ އެހީތެރިންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އަދި ސަރުކާރުން ވަނީ އޭނާ ހައްޔަރުކުރުމަށް އިންޓަރޕޯލްގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

އެމެރިކާގައި ހުރެ ވާހަކަދައްކަމުން، ހަސީނާގެ ދަރިފުޅު ސަޖީބް ވަޒެދް ވަނީ ޓްރައިބިއުނަލްގެ އިތުބާރާމެދު ސުވާލު އުފައްދައި، އޭނާގެ މަންމަގެ މައްޗަށް ކުރެވޭ ދަޢުވާތަކަކީ ސިޔާސީ  ކުޅިވަރެއް ކަމުގައި ބުނެފައެވެ.

ވަގުތީ ސަރުކާރުން ވަނީ މުޒާހަރާގައި މަރުވެ ދިޔަ މީހުންގެ މައްސަލަތައް ހަސީނާއާއި އޭނާގެ ސަރުކާރުގެ އެހެން މީހުންގެ މައްޗަށް އުފުލާނެ ކަމަށް ވަޢުދުވެފައެވެ. މި މަރުތައް ތަޙުޤީޤުކުރުމަށް އެދި އދ. އަށް ވެސް ސަރުކާރުން ވަނީ ދަޢުވަތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ހަސީނާވެސް ވަނީ ތަޙުޤީޤު ހިންގުމަށް ގޮވާލައި، ގިނަ މަރުތަކުގައި ސެކިއުރިޓީ އޭޖެންސީތަކުގެ އިތުރުން އެހެން ފަރާތްތަކުގެ ބައިވެރިވުން ވެސް ހުރެދާނެ ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު