Tuesday, November 10
ރާއްޖެއާއި ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށައިފި

ޗައިނާ އާއި ދިވެހިރާއްޖޭއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުމަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމާއި ދަށުން މަހުން އުފައްދާ ހުރިހާތަކެއްޗެއް ހެން އެއްވެސް ޑިއުޓީ އަކާއި ނުލާ މިއަދުން ފެށިގެން ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖެއިން ޗައިނާއަށް ބޭރުކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވޭނެއެވެ. ޗައިނާއަށް އެތެރެކުރެވޭނެ މަހުގެ ތެރޭގައި ފިނިކުރި ނުވަތަ ގަނޑުކުރި ކަޅުބިލަ މަހާއި ފާނައިގެ ބާވަތްތަކާއި ކަންނެލީގެ ބާވަތްތައް ހިމެނެއެވެ. ޕްރޮސެސްކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކުގެ ތެރޭގައި ދަޅުމަހާއި ވަޅޯމަހާއި ލޮނުމަހާއި ސީފުޑްގެ ބާވަތްތައް ވެސް ހިމެނެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އިގުތިސާދީ ނަފާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އަގުއެއްކުރި މަހުގެ ބާވަތްތައް އުފެއްދުމަށް ބޭނުންވާ ޕްރޮސެސިން ފެސިލިޓީތައް ޤާއިމުކުރުމާއި މަސްވެރިން ބާނާ މަސް ގިނަދުވަހު ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ. ޗައިނާ-ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަން ސިންދަފާތުކުރުމަށާއި މަހާއި މަހުގެ އުފެއްދުންތަކަށް ނަފާވެރި އަގެއް ލިބުމުގެ މަގުތައް ހުޅުވިގެން ދާނެއެވެ.

މީގެ އިތުރުން ރާއްޖެއަށް ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެއެވެ. އެގޮތުުން ކޮންސްޓަކްޝަން މެޓީރިއަލް އާއި މެޝިނަރީ ފަދަ ތަކެތީގެ ގެނެސް ވިއްކުމަށް ކުރަންޖެހޭ ހަރަދު ކުޑަވެ، އާއްމު ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިހާރު ރާއްޖޭގެ ވިޔަފާރިވެރިންނަށް މިހާރު ޗައިނާގައި ވިޔަފާރިތައް ހިންގާ އެތައް ބިލިއަން މީހުންނަށް މާރކެޓްކޮށް ވިއްކުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް އިކޮނޮމީ އަދި ފޮޓޯގްރަފީ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ވެސް އަންނާނެ ކަން މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ފޮޓޯ ގްރާފީ އިކްއިޕްމަންޓާއި ޖުވެލަރީފަދަ ތަކެތި އުފައްދާ ފަރާތްތަކުން ބޭނުންކުރާ މެޝިނަރީފަދަ ތަކެތިން ޑިއުޓީ މާޢަފް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ 2014 ގަ އެވެ. އެއްބަސްވުމަށް އަމަލުކުރަން 2017 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައި އޮތް ނަމަވެސް ސަރުކާރު ބަދަލުވުމުގެ ސަބަބުން، އެކަން އޮތީ މަޑުޖެހިފަ އެވެ. ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ މި ސަރުކާރުގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު