Tuesday, November 17
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި

މޫސުން ގޯސްވާނޭ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދެފިއެވެ.

އެންޑީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝަރ ޓްރަފުގެ ސަބަބުން، މާދަމާއިން ފެށިގެން 05 ޖަނަވަރީ 2025 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭޥެހި، ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތް ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭ އިން ވަނީ އެދިފައެވެ.

  • ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިއާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
  • ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލައި ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން.
  • ގަދަވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ރައްކާތެރިކުރުން.
  • ބޭނުންނުކުރަނަމަ، ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
  • ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމު ފުރިހަމަކަން ޔަޤީންކުރުން.
  • ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 14:45 އިން 20:00 އަށް ހއ. އާއި ކ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލުވެސް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު