އައު އަހަރު ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅިގެން އެސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން 2024 ޑިސެންބަރު 31 އަދި 2025 ޖަނަވަރީ 1 ވަނަ ދުވަހު މި ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް ދައްކުވައިދޭ ޗާޓެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އެކި އިވެންޓުތަކާއި ހަފުލާތަކަށް އަންނަ ފަރާތްތަކުން ބޭނުންކުރާނީ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ކާރު ޕާކިންގ ޒޯނާއި ސައިކަލް ޕާކިނގް ޒޯނު ކަމަށާއި، މި ސަރަހައްދުގައި އުޅަނދު ޕާކު ކުރެވޭނީ އިވެންޓު އޮންނަ ވަގުތުތަކުގައި އެކަނި ކަމަށެވެ.
އައު އަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމާފައިވާކަން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެގޮތުން 'މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ފެސްޓިވަލެއް 31 ޑިސެންބަރު 2024 އިން 1 ޖަނަވަރީ 2025ގެ ނިޔަލަށް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
މި ފެސްޓިވަލްގެ ތެރެއިން 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރުސީން ހާމަކޮށްފައިވާ ގޮތުގައި ޑްރޯން ފެސްޓިވަލް ފެށޭނީ މިރޭ 21:00 ގައެވެ.
މީގެ އިތުރުން، ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް މިއަދުގެ އިތުރުން ބުދަ ދުވަހުގެވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެއެވެ.
މި ލިޔުން ކިޔާލުމުން