Tuesday, November 17
މަޤާމުން ދުރުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފި

މަޤާމުން ދުރުކުރެވިފައިވާ ރައީސް ޔޫން ސުކް ޔޯލްގެ ހައްޔަރު ކުރުމުގެ އަމުރެއް ދެކުނު ކޮރެއާގެ ސޯލްގެ ކޯޓަކުން ނެރެފިއެވެ.

މި އަމުރު ނެރެފައި ވަނީ 3 ޑިސެންބަރުގައި ދެކުނު ކޮރެއާގައި އަސްކަރީ ވެރިކަމުގެ ނިޒާމެއް ތަންފީޒުކުރުމަށް ޔޫން ކުރި މަސައްކަތް ނާކާމިޔާބުވެ، މި މައްސަލަ ތަޙުޤީޤު ކުރަން ފެށުމާ ގުޅިގެންނެވެ.

ޔޫންގެ މައްޗައް ވަނީ ޤައުމަށް ޣައްދާރުވުމުގެ ތުހުމަތުތަކާ އެކު ޚިޔާނާތުގެ ގިނަ ތުހުމަތުތައް އުފުލާފައެވެ. އަދި ހައްޔަރުކުރުމުގެ އަމުރަކަށް ތަހުޤީގު ޓީމުން އެދިފައި ވަނީ، މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެދި ހާޒިރުވުމަށް ޔޫން އަށް ތިން ފަހަރު މަތިން އަންގައިގެން ވެސް އިޖާބަ ދީފައި ނުވާތީއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ، ތަޙްޤީޤުކުރާ ފަރާތްތަކުން ވަނީ ޔޫންގެ މައްޗަށް ބާރުގެ ބޭނުން ނަހަމަ ބޭނުންކުރުމުގެ ތުހުމަތުކޮށް ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓްގައި އެދިފައެވެ. މިކަމާ ގުޅިގެން އޭނާގެ ވަކީލު ބުނެފައިވަނީ މިއީ ޣައިރު ޤާނޫނީ ފިޔަވަޅެއް ކަމަށެވެ.

ކުރު މުއްދަތަކަށް އަސްކަރީ ވެރިކަމެއް އިޢުލާންކުރުމާ ގުޅިގެން، ދެކުނު ކޮރެއާގައި ވަނީ ސިޔާސީ ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ.

ޔޫންއަކީ ދެކުނު ކޮރެއާގެގައި މަޤާމުގައި ހުރެ، މިފަދަ ތުހުމަތުތަކެއް ކުރެވިގެން ހައްޔަރު ކުރުމުގެ އަމުރެއް ނެރެވުނު ފުރަތަމަ ރައީސް ވެސް މެއެވެ.

ތަޙްޤީޤުކުރާ ފަރާތްތަކަށް މި އަމުރު ތަންފީޒުކުރުމަށް 6 ޖަނަވަރީ އާ ހަމައަށް ކޯޓުން ވަނީ ފުރުޞަތު ދީފައެވެ. އަދި އިތުރު މުއްދަތަކަށް އެދުމުގެ ފުރުޞަތު ވެސް މި މުއްދަތުގެ ތެރޭގައި ލިބޭނެއެވެ.

ނަމަވެސް، އޭނާގެ ސެކިއުރިޓީ ޓީމާއި އިހުތިޖާޖުކުރާ ފަރާތްތަކުން ހުރަސްއެޅުމުގެ ސަބަބުން، ތަޙްޤީޤުކުރާ ފަރާތްތަކަށް މި އަމުރު ތަންފީޒު ކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

މީގެ ކުރިން ވެސް، ރައީސް ޔޫންގެ ސެކިއުރިޓީ ސަރވިސް އިން ވަނީ ތަޙްޤީޤުކުރާ ފަރާތްތައް ރައީސް އޮފީހުގެ ތެރެއަށާއި ޔޫންގެ އަމިއްލަ ގެއަށް ވަނުމަށް ހުރަސްއަޅައިފައެވެ. މިތަން ތަން ބަލައި ފާސްކުރުމަށް ސެކިއުރިޓީ ޓީމުން ވަނީ ކޯޓުގެ ހުއްދަ ވެސް ހޯދައިފައެވެ.

މިދިޔަ ހޯމަ ދުވަހު، ޔޫންގެ ޤާނޫނީ ޓީމުން ބުނެފައި ވަނީ އަސްކަރީ ވެރިކަމުގެ ނިޒާމް އިޢުލާން ކުރުމަކީ ރައީސަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ތެރޭގައި ހިމެނޭ  ކަމަކަށްވާތީ، ތަޙްޤީޤުކުރާ ފަރާތްތަކަށް އޭނާ ހައްޔަރުކުރުމުގެ އެއްވެސް އިޚްތިޔާރެއް ނެތް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު