Thursday, November 19
އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް

މާލޭ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަންނަން އުޅުނު މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިޢުތިރާފުވެފައެވެ. އަދި ފަށް ފޭރުނު ނަމަވެސް، އޭނާގެ އަތުގައި އެ ފަށް ނެތް ކަމަށާއި، ގެއްލުން ލިބުނު ފަރާތަށް ބަދަލުދޭން ތައްޔާރު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދަމުން، އެހެން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވ.ފިޔަބަރި، ޙަސަން އިސާމް (30އ) އެވެ. އޭނާ ހައްޔަރުކުރީ ޑިސެންބަރު 19 ވަނަ ދުވަހުގެ 17:20 ހާއިރުއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ހެލްމެޓެއް އަޅައިގެން ސައިކަލުގައި ދަމުން އިސާމު ވަނީ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަންނަން މަސައްކަތްކޮށްފައެވެ. އެގޮތުން އަންހެން މީހާ ސައިކަލު މަޑުކުރުމަށްފަހު ސައިކަލުން ފައިބައިގެން ދުއްވައިގަތުމުން އިސާމު ވަނީ އަންހެން މީހާގެ ފުލުހުން ދުވެ، އަތްދަބަސް ޖަހައިގަންނަން ވެސް މަސައްކަތްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިސާމަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ހެނދުނު އިތުރު މީހަކާއެކު ސައިކަލުގައި ދުއްވާފައި ދަމުން، ސައިކަލެއްގައި ދެ މީހަކު ދަނިކޮށް އެ ސައިކަލުގައި ޖައްސައި ސައިކަލު އަރިއަޅައިލި ވަގުތު އެ ސައިކަލުގެ ޕޮކެޓުތެރޭގައި އޮތް ވޮލެޓެއް ނަގާފައިވާ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެކެވެ. މި މައްސަލާގައި ކުށް ސާބިތުވެ، އޭނާގެ މައްޗަށް އިއްވީ 14,400 ރުފިޔާއިން ޖޫރިމަނާކުރުމުގެ ހުކުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު