Saturday, October 31
ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިޒްރޭލުގެ ފައުޖުން ހުޅުޖަހާ އަންދާލައި، ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި ޢަމަލު ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާ މުޅިން ޚިލާފު، ނުރައްކާތެރި ޢަމަލެއް ކަމަށެވެ.

މީގެ އިތުރުން މިއީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކެނޑިނޭޅި ދެމުންގެންދާ އަނިޔާވެރި، ޢުދުވާނީ ހަމަލާތަކުގެ އިތުރު ލާއިންސާނީ ހަމަލާއެއް ކަމަށާއި، ޞިއްޙީ ޚިދުމަތްދޭ މުހިންމު މަރުކަޒުތަކަށް މިފަދައިން ހަމަލާ ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައަޅާފައިވާ ޢަމަލެއް ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް، ދިވެހިރާއްޖެއިން ވަނީ ގޮވާލައިފައެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު