181 މީހުންނާއެކު ދަތުރުކުރަމުން އައި މަތިންދާބޯޓެއް ދެކުނު ކޮރެއާގެ އެއާޕޯޓަކަށް ވެއްޓި، މި ހާދިސާގައި 47 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ފަޔަރ ސަރވިސް އިން ހާމަކޮށްފިއެވެ.
ޔޮންހެޕް އިން ރިޕޯޓުކުރާ ގޮތުގައި ފްލައިޓު ރަންވޭއިން ކައްސާލައިގެން އައިސް މުއާން އިންޓަރނޭޝަނަލް އެއާޕޯޓުގެ ފާރަކަށް ވަނީ އަރައިފައެވެ. 175 ފަސިންޖަރުންނާއި ހަ ފަޅުވެރިންނާއެކު ދަތުރުކުރި އެ ފްލައިޓަކީ ތައިލޭންޑްގެ ބެންކޮކުން އައި ފްލައިޓެކެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ ފްލައިޓު ޖައްސަން އުޅުމުގެ ތެރޭގައެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ފަޔަރ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކުރާ ގޮތުގައި މިހާތަނަށް 2 މީހަކު ދިރިތިއްބާ ފެނިފައިވާއިރު، މީހުން ސަލާމަތް މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. އަދި، އިމަރޖެންސީ ޚިދުމަތްތަކުން މަސައްކަތް ކުރަމުންދަނީ ފްލައިޓުގެ ފަހަތުބައިގައި ތިބި މީހުން ސަލާމަތް ކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ.
ޔޮންހެޕުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފްލައިޓުގައި ތިބި މީހުންގެ ތެރޭގައި ދެކުނު ކޮރެއާގެ 173 މީހުންނާއި ތައިލޭންޑްގެ ދެ މީހަކު ހިމެނެއެވެ.
މި ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި އެނގިފައިނުވާއިރު، ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ފްލައިޓު ވެއްޓުނީ ދޫނިތަކެއް ފްލައިޓުގެ ސިސްޓަމްތަކުގައި ޖެހުމުގެ ސަބަބުން ކަމަށް ވެދާނެއެވެ.
މި ލިޔުން ކިޔާލުމުން