Saturday, October 31
އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގްގެ ރަސްމީ ޖަނާޒާގެ ތެރެއިން

އިންޑިއާގެ އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރި ބޮޑުވަޒީރުންގެ ތެރެއިން އެކަކު ކަމުގައިވާ މަންމޯހަން ސިންގް އަވާހާރަވުމާ ގުޅިގެން, ދިއްލީގައި ރަސްމީ ޢިއްޒަތުގައި ޖަނާޒާއެއް ބާއްވާފިއެވެ. އޭނާ ނިޔާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އުމުރުފުޅުން 92 ގައެވެ.

ސިންގް ވަނީ 2004 އިން 2014 އަށް އިންޑިޔާގެ ވެރިކަން ކުރައްވައިފައެވެ. އަދި އޭނާ އަކީ އިންޑިއާގެ އިޤްތިޞާދީ ލިބަރަލައިޒޭޝަން ފަރުމާކުރުމުގައި އިސްރޯލެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާ ވަނީ ސިންގް އަކީ އެ ޤައުމުގެ އެންމެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރެއިން އެކަކު ކަމުގައި ވިދާޅުވެފައެވެ. ސިންގްގެ ހަށިކޮޅު ކައިރީ، ޝަރަފުގެ ގާޑުން ވަށައިގެން ތިބެގެން، ގަބުރުސްތާނަށް ގެންދިޔައިރު، އޭނާއަށް އިޙްތިރާމް އަދާކުރުމަށް ވެރިރަށުގެ އެކި ކަންކޮޅުތަކުން މީހުން ނުކުމެ ތިބިއެވެ. ބޫޓާންގެ ރަސްގެފާނު ޖިގްމެ ކެސަރ ނަމްގްޔަލް ވަންގްޗުކް އަދި މޮރިޝަސްގެ ޚާރިޖީ ވަޒީރު ދަނަންޖޭ ރަމްފުލް ފަދަ ބޭރުގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ސިންގްއަށް ދައުލަތުގެ ޝަރަފުގައި 21 ބަޑީގެ ސާލާމެއް ވަނީ އަރުވައިފައެވެ. އޭނާ ނިޔާވުމާ ގުޅިގެން، ސަރުކާރުން ވަނީ ޤައުމީ ހިތާމަކުރުމުގެ ގޮތުން 7 ދުވަސް އިޢުލާންކޮށްފައެވެ. ސިންގްގެ ޖަނާޒާގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވެފައި ވަނީ އެ ދެ ބޭފުޅުން ބައްދަލުވެފައިވާ ވަގުތުތަކުގެ ސިންގްގެ ޙިކުމަތްތެރިކަމާއި އޯގާތެރިކަން އަބަދުވެސް ފެންނަ ކަމަށާއި އަދި ބޮޑުވަޒީރެއްގެ ގޮތުގައި ރައްޔިތުން ދިރިއުޅުން ހަރުދަނާކުރުމަށް ގިނަ ގުނަ މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ އޭނާއަށް ކަންކަމުގައި އިރުޝާދު ދެއްވާ "މެންޓާއެއް" ގެއްލިފައިވާ ކަމަށެވެ. މި ހިތާމާއިގައި ބޭރުގެ ގިނަ ފަރާތްތަކުން ވަނީ ތަޢުޒިޔާގެ މެސެޖުތައް ފޮނުވާފައެވެ. ސިންގް ވަނީ ބޮޑުވަޒީރެއްގެ ގޮތުގައާއި 1991 ގައި އެ ޤައުމުގެ މާލީ ވަޒީރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރުގައި އިންޑިއާގެ އިޤްތިޞާދު ކުރިއަރުވައި, މުޅި މަންޒަރު ބަދަލުކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރައްވައިފައެވެ. އޭނާގެ ފުރަތަމަ ބަޖެޓް ތަޤްރީރުގައި ވިދާޅުވި ބަސްފުޅެއްގައި ވަނީ "އޭގެ ވަގުތު އައިސްފައިވާ ޚިޔާލެއް ހުއްޓުވުމުގެ ބާރު ދުނިޔޭގެ އެއްވެސް ބާރަކަށް ނެތެވެ." ބޮޑުވަޒީރެއްގެ ގޮތުގައި ސިންގް ހުންނެވި ދުވަސްވަރު އިޤްތިޞާދު ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތައް އިތުރަށް ބިނާކުރައްވާފައިވެއެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކަށް, އިންޑިޔާގެ އެތައް މިލިއަން މީހުން ފަޤީރުކަމުން ސަލާމަތްކޮށްދެއްވައި، ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައި އިންޑިއާ ހިމެނުމަށް މަގުފަހިކޮށްދެއްވާފައިވެއެވެ. އިންޑިއާގެ އެންމެ މަތީ މަޤާމު ފުރުއްވި ފުރަތަމަ ސިކު މީހާ ކަމުގައިވާ ސިންގް، 2005 ގައި 1984 ގެ އަރައިރުންތަކުގައި 3،000 އެއްހާ ސިކު މީހުން މަރާލެވުނު ކަމަށްޓަކައި ރަސްމީކޮށް މަޢާފަށް އެދިވަޑައިގަތެވެ. އަދި 1947 އިން 1964 ގައި އޭނާ ނިޔާވުމާ ހަމައަށް ޤައުމު ވެރިކަން ކުރެއްވި ޖަވާހަރުލާލް ނެހްރޫގެ ފަހުން، ފުރިހަމަ ފުރަތަމަ ދައުރެއް ނިންމުމަށްފަހު އަލުން އިންތިޚާބުވި ފުރަތަމަ އިންޑިއާގެ ލީޑަރަކީ ވެސް ސިންގްއެވެ. ނަމަވެސް، ސިންގްގެ ދެވަނަ ދައުރު ވަނީ ގިނަ ކޮރަޕްޝަންގެ ތުހުމަތުތަކަކުން އަނދިރިވެފައެވެ. ގިނަ މީހުން ބުނާ ގޮތުގައި، 2014 ގެ ޢާންމު އިންތިޚާބުގައި އޭނާގެ ކޮންގްރެސް ޕާޓީ ވަނީ ބޮޑު ތަފާތަކުން ބަލިވެފައިވަނީ މި މައްސަލަތަކުގެ ސަބަބުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު