Saturday, October 31
ޣައްޒާގައި ބޭނުން ކުރެވެން ހުރި ހަމައެކަނި ހޮސްޕިޓަލް ވެސް އިޒްރޭލުން އަންދާލައިފި

އިޒްރޭލުން ވަނީ އިއްޔެ ހެނދުނު ޣައްޒާގައި މި ވަގުތު ހުރި ހަމައެކަނި ހޮސްޕިޓަލް, ކަމާލް އަދުވާން އަށް ވަދެ މުޅިތަން ސުންނާފަތިކޮށް އަންދާލައިފައެވެ.

މި ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި މަސައްކަތްކުރެވޭ ހާލަތުގައި ހުރި އެންމެ ފަހު ހޮސްޕިޓަލެވެ. ނަމަވެސް އަލް އައުދާ ހޮސްޕިޓަލް ވަނީ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވޭ ހާލަތަށް ގެނެސްފައެވެ. އުތުރު ޣައްޒާގައި ތިބި އަލް ޖަޒީރާގެ މަސްދަރުތަކުން އެނގޭ ގޮތުގައި އިޒްރޭލު ސިފައިން ވަނީ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑޮކްޓަރ ހުސާމް އަބޫ ސަފިއްޔާ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މެޑިކަލް މުވައްޒަފުން ހައްޔަރުކޮށް، ނޭނގޭ ތަނަކަށް ސުވާލުކުރުމަށް ކަމަށް ބުނެ ގެންގޮސްފައެވެ.

ޑޮކްޓަރ ހުސާމް އަބޫ ސަފިއްޔާގެ ހާލު އަދި އެއްވެސް ބަޔަކަށް އެނގިފައި ނުވާކަމަށް ރިޕޯޓް ލިބެއެވެ. މިކަމާ ގުލީގެން އިޒްރޭލު ސިފައިންގެ ފަރާތުން ވެސް އަދި އެއްވެސް ބަހެއް ލިބިފައިނުވެއެވެ.

އިޒްރޭލު ސިފައިން ބުނާ ގޮތުގައި އެމީހުން ވަނީ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން ރައްކާތެރިކަމާއެކު އެތަނުން ނެރެފައެވެ. އަދި ހަމާސްއިން އެ ހޮސްޕިޓަލް ބޭނުންކޮށްފައިވަނީ ގަދަފަދަ މަރުކަޒެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ. މިކަން ހަމާސް އިން ވަނީ ދޮގުކޮށްފައެވެ. ހޮސްޕިޓަލުގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން ސާފުކޮށް އެނގޭ ގޮތުގައި އިޒްރޭލު ސިފައިން ވަނީ އެތަނުގެ ގިނަ އިމާރާތްތަކުގައި އަލިފާން ރޯކޮށްފައި ކަމަށް، އެހިސާބުން ރިޕޯޓް ކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިން ވަނީ ބުނެފައެވެ. ހާދިސާ ދުށް ފަރާތްތަކުން ވަނީ ހޮސްޕިޓަލުގައި ރޯވެފައިވާ މަންޒަރު ފެނުނުކަން ކަށަވަރުކޮށްދީފައެވެ. އަދި އެ އިމާރާތްތަކުން ބޮޑެތި ދުންތައް އަރަމުންދާތަން ވެސް ވަނީ ފެނިފައެވެ. އެތަނުގައި ހިނގަމުންދާ އަނިޔާވެރި ހަނގުރާމައިގެ ޢަމަލުތަކުގެ އިތުރުން, ހޮސްޕިޓަލް ވަށައިގެންވާ ބޮޑު ސަރަޙައްދެއް ވެސް އިޒްރޭލުން ވަނީހަލާކުކޮށްލައިފައެވެ.

މީގެ އިތުރުން އިޒްރޭލު ސިފައިން ވަނީ ހޮސްޕިޓަލްގެ ވޯޑުތައްވެސް ބާރުގެ ބޭނުންކޮށްގެން ހުސްކުރުމަށް ފަހު އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ގިނަ ބަލިމީހުންގެ ހާލު މިހާރު ބެލޭނެ ގޮތެއް ނެތެވެ.

އދ. ގެ ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވަނީ އިޒްރޭލުން ގަސްތުގައި ޣައްޒާގެ ޞިއްޙީ ނިޒާމު ނައްތާލުމަކީ އެތައް ހާސް ފަލަސްޠީނުންނަށް މަރުގެ ޙުކުމް އިއްވުން ފަދަ ކަމެއް ކަމުގައެވެ.

އދ. ގެ ފަލަސްޠީނުގެ ރެފިއުޖީންނާއި ބެހޭ އޭޖެންސީ (އަންރުވާ) އިން ވަނީ މިހާރުން މިހާރަށް ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް ދިނުމަށް ގޮވާލާފައެވެ. އަންރުވާ އިން މިހެން ގޮވާލާފައިވަނީ ޣައްޒާގައި ކުޑަކުދިންތައް ފިނިވެގެން މަރުވަމުންދާތީއެވެ. އަދި މިހާތަނަށް 4 ކުދިން ވަނީ ގަދަ ފިނިން ސަލާމަތް ވެވޭނެ ގޮތެއް ނެތި ކޭންޕުތަކުގައި މަރުވެފައެވެ. އިޒްރޭލުން ޣައްޒާގައި 7 އޮކްޓޫބަރު 2023 އިން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 45,436 ފަލަސްޠީނުގެ ރައްޔިތުން މަރުވެ، 108,038 މީހުން ވަނީ އެކި ވަރުގެ އަނިޔާ ލިބި ޒަޚަމްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު