Saturday, October 31
އިސްރާއީލުން ދިން ހަމަލާއެއްގައި 5 ނޫސްވެރިއަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ޣައްޒާގެ މެދުތެރޭގައި ހުރި ހޮސްޕިޓަލެއް ކައިރީގައި އިސްރާއީލުން ދިން ހަމަލާއެއްގައި 5 ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު އަލްޖަޒީރާގެ ނޫސްވެރިޔާ, އަނަސް އަލް-ޝަރީފް ރިޕޯޓުކުރި ގޮތުގައި، ނުސައިރަތު ރެފިއުޖީ ކޭމްޕުގައި ހުރި އަލް އައުދާ ހޮސްޕިޓަލް ކައިރީގައި ހިނގަމުން ކަންތައްތައް ކަވަރުކުރަމުން ދިޔަ އަލް ޤުދުސް ޓުޑޭ ޗެނަލްގެ ނޫސްވެރިންގެ ބްރޯޑްކާސްޓިންގ ވޭނަކަށް އިސްރާއީލުގެ އެއަރ ސްޓްރައިކެއް ވަނީ އަމާޒުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި މިޑީޔާ ވެހިކަލެއްގައި އަލިފާން ރޯވެފައިވާ ތަން ފެނެއެވެ. މަރުވި ނޫސްވެރިންގެ ތެރޭގައި ފާދީ ހަސޫނާ، އިބްރާހީމް އަލް ޝައިޚް އަލީ، މުޙައްމަދު އަލް ލަދާހް، ފައިސަލް އަބޫ އަލް ޤުމްސާން އަދި އައިމަން އަލް ޖަދީ ހިމެނެއެވެ. ޤުދުސް ނިއުސް ނެޓްވޯކުން ބުނިގޮތުގައި މަރުވި މީހުންގެ ހަށިގަނޑުތައް ނަގައި، އެތަނުގައި ރޯވެފައިވާ އަލިފާން ނިއްވައިލީ ސިވިލް ޑިފެންސް ޓީމުތަކުންނެވެ.

އިސްރާއީލުގެ މިލިޓަރީން ބުނެފައިވަނީ އިސްލާމިކް ޖިހާދުގެ މެންބަރުން އުފުލަމުންދިޔަ ވެހިކަލްއަކަށް އަމާޒުކޮށްގެން ހަމަލާއެއް ދީފައިވާ ކަމަށާއި، ޣައްޒާއި ތިބި ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ޢަމަލުކުރަމުން ގެންދާނެ ކަމަށެވެ.

"ހަމަލާ ދިނުމުގެ ކުރިން، އާންމު ރައްޔިތުންނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުނެވެ. މީގެ ތެރޭގައި ޕްރެސިޝަން ހަތިޔާރުތައް ބޭނުންކުރުމާއި، މަތިން ބެލުމާއި، އިތުރު އިންޓެލިޖެންސް މަޢުލޫމާތު ހިމެނެއެވެ." މިލިޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ މި މަހުގެ ކުރީކޮޅު އިސްރާއީލުން އެއް ހަފްތާއެއްގެ ތެރޭގައި ފަލަސްތީނުގެ 4 ނޫސްވެރިން މަރައިލުމުން އެކަން ކުށްވެރިކޮށް، މީޑިއާއަށް ދޭ ހަމަލާތަކާ ގުޅިގެން އެ ޤައުމު ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފައެވެ. ސީޕީޖޭ އިން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މަދުވެގެން 141 ނޫސްވެރިން ވަނީ ޝަހީދުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު