Saturday, October 31
ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ފަޒީލުގެ ފޯނު ހިފަހައްޓައިފި

ބިންވެރިޔާ ހައުސިންގ ސްކީމަށް ޝަރުތު ހަމަނުވެ، ހުޅުމާލެއިން ގޯތި ލިބުނު އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ފޯނު ހިފަހައްޓައިިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އެ ޚިދުމަތުން ތަހުގީގުކުރަމުންދާ ބިންވެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ފަޒީލުގެ ފޯނު ހިފަހައްޓާފައިވާ ކަމަށެވެ.

މިހާރު ސަސްޕެންޑްކޮށްފައި ހުންނެވި ފަޒީލަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރަކަށް މީގެކުރިން ހުންނެވި އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެެއެވެ.

ފަޟުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އުސޫލާ ޚިލާފަށް އޭނާގެ ބޭބެ ފަޒީލަށް ގޯތި ދިން މައްސަލަ ހިމެނެއެވެ.

ފަޟުލް އިސްތިއުފާދެއްވީ މި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެއެވެ.

މި މައްސަލާގައި މިދިޔަ ހޯމަ ދުވަހުގެރޭ ފުލުހުން ވަނީ ފަޟުލް ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލާގައި ފަޒީލާއި، ފަޟުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު