Saturday, October 31
ޖިހާދުގެ މައްސަލަ ބަލައިގެންފި

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުން ބަދަލުކޮށް، އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ ސްޕެޝަލް ޓުއަރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސްއާއެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގައެވެ.

ޖިހާދު ސޮއިކުރެއްވި އެއްބަސްވުމުގައި އޮތީ %25 އެވެ. ނަމަވެސް ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރާ ތަންތަނުގައި މަދުވެގެން %50 ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިންގ ކައުންސިލުން އޮތީ ލަފާދީފައެވެ.

މި މައްސަލާގައި ދައުލަތުން ޖިހާދުގެ މައްޗަށް އުފުލާފައިވަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.

މި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ދައުވާއެއްގައި ހުންނަންޖެހޭ އަސާސީ ކަންކަމާއި، ތަހުގީގު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިފައެވެ.

ެއެގޮތުން ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އޮގަސްޓު 12 ގައެވެ. ނަމަވެސް ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާތީ އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އެގޮތަށް ނިންމީ ޖިހާދު އުޅޭ އެޑްރެސް ސާފުކުރުމަށްފަހު، ސެޕްޓެމްބަރު 19 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އަލުން މައްސަލަ ހުށަހެޅުމަށް އަންގައިފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހުށަހެޅީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން އޮކްޓޫބަރު 13 ގައެވެ.

އެގޮތުން ހައިކޯޓުން ބުނެފައިވަނީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ ޖިހާދުގެ މައްސަލަ ބަލައިގަންނަން ހުއްދަ ދޭން ފެންނަ ކަމަށް ނިންމަވައިފައެވެ.

މިގޮތަށް ނިންމެވީ އެ މައްސަލަ އަލުން ހުށަހަޅަން ހައިކޯޓުން ދިން 15 ދުވަހުގެ މުއްދަތުގައި މައްސަލަ ހުށަހެޅިފައިނުވަނީ ޖިހާދު ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމު ހަމަނުޖެހި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ ކަމަށް ދައުލަތުން ބުނެފައިވާތީއެވެ.

އެއީ އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް މެދުވެރިވެގެން ހިނގާފައިވާ ކަމަކަށްވާތީ މައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވާ ނިންމުމުގައިވެއެވެ.

ހައިކޯޓުން ޖިހާދުގެ މައްސަލަ ބަލައިގެންފައި މިވަނީ މި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރިން ނިންމި ނިންމުން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު