Saturday, October 31
ޖެނިފާއަށް ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢާއިޝަތު ޖެނިފާގެ ވަޒީފާ އަލުން އިއާދަކުރުމަށާއި، އޭނާއަށް ބަދަލު ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ހައި ކޯޓުން ޢަމުރުކޮށްފިއެވެ.

އައިއޭއެސްއެލްގެ ޑީއެމްޑީ ކަމަށް ޖެނިފާ ޢައްޔަނުކޮށްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. ނަމަވެސް، އެ ކުންފުނީގެ ބޯޑުން ނިންމައިގެން ޖެނިފާ އެ މަޤާމުން ވަކިކުރީ މިދިޔަ ޖަނަވަރީ މަހުގައެވެ.

ޖެނިފާ ވަޒީފާއިން ވަކިކުރާ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، މައްސަލަ ބެލުމަށްފަހު އެ ޓްރައިބިއުނަލް އިން ވަނީ ޖެނިފާ އަށް އަލުން ވަޒީފާ ދިނުމަށާއި، މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭން އަންގައިފައެވެ. މިގޮތުން ޓްރައިބިއުނަލުން ވަނީ ބަދަލުގެ ގޮތުގައި އެއް މަހުގެ މުސާރައާއި އިނާޔަތްތަކަށް ވާ 56،000 އަށްވުރެ ގިނަ ރުފިޔާ ޖެނިފާއަށް ދޭން އަންގައިފައެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން އައިއޭއެސްއެލް އިން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، އިސްތިއުނާފުގެ މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން ނުވަތަ އެނޫން ގޮތަކަށް އަންގަންދެން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޢަމުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު