Saturday, October 31
ޑެންމާކުން ގްރީންލޭންޑް ދިފާއު ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

އެމެރިކާގެ އިންތިޚާބީ ރައީސް, ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ގަތުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ދިއުމާ ގުޅިގެން, ގްރީންލޭންޑް ދިފާއު ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ޑެންމާކުން ނިންމައިފިއެވެ.

އެގުތުން, އާކްޓިކް ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި, އެ ސަރަޙައްދުގެ ދިފާޢީ ޚަރަދު އިތުރުކުރުމަށް ބޮޑު ޕްލޭނެއް ވަނީ އިޢުލާންކޮށްފައެވެ.

ޑެންމާކުގެ ދިފާޢީ ވަޒީރު ޓްރޯލްސް ލުންޑް ޕޯލްސެން ވިދާޅުވި ގޮތުގައި މި ޕްލޭންގެ ދަށުން ކުރުމަށް ހުރި ކަންތައްތަކަށް މަދުވެގެން 1.5 ބިލިއަން ޑޮލަރު (1.2 ބިލިއަން ޕައުންޑް) ޚަރަދު ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އޭނާ ޖައިލަންޑްސް ޕޯސްޓެން ނޫހަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވި ގޮތުގައި މި ފައިސާ ބޭނުންކުރާނީ ދެ އިންސްޕެކްޝަން އުޅަނދާއި، ދެ ދުރުމިނަށް ދަތުރުކުރެވޭ ޑްރޯން އަދި ދެ ސްލެޑް ގޯގް ޓީމު ގަތުމަށާއި، އަދި ވެރިރަށް ނޫކުގައި ހުންނަ ޑެންމާކުގެ އާކްޓިކް ކޮމާންޑަށް އިތުރު މުވައްޒަފުން ހޯދުމަށެވެ.

މީގެ އިތުރުން، ޑެންމާކުންގެ ކަންގަރުލުސުއާޤު އެއަރޕޯޓުގައި އެފް-35 ފައިޓަރ ޖެޓްތައް ބޭނުންކުރެވޭ ގޮތަށް އިތުރަށް ތަރައްޤީ ކުރުމަށް ވެސް ވަނީ ރާވާފައެވެ.

އެޓްލާންޓިކް އަދި އާކްޓިކް ކަނޑުގެ މެދުގައި އޮންނަ ގްރީންލޭންޑްގެ 80 އިންސައްތަ އަކީ އައިސް ފަށަލައެއް އުފެދިފައިވާ ތަނެކެވެ. އަދި އެތަނުގައި އެމެރިކާގެ ބޮޑު އަސްކަރީ މަރުކަޒެއް ހުރެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ކަމުގައިވާ ގްރީންލޭންޑްގެ ވެރިރަށް ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަނަށްވުރެ ކައިރީގައި އޮންނަނީ ނިއުޔޯކާއެވެ. އެތަނަކީ މަޢުދަނާއި، ތެލާއި އަދި ގުދުރަތީ ގޭހުގެ މުއްސަނދި ވަސީލަތްތައް ގިނަ ސަރަޙައްދެކެވެ.

ނަމަވެސް ތަރައްޤީގެ ދުވެލި ލަސްވުމުގެ ސަބަބުން އެތަނުގެ އިޤްތިޞާދު ބަރޯސާވެފައި ވަނީ މަސްވެރިކަމަށާއި ޑެންމާކުން ކޮންމެ އަހަރަކު ދޭ އެހީގެ މައްޗަށެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒު, ޕިޓުފިކް އެއަރ ބޭސްއެއް ގްރީންލޭޑްގައި ހުރުމުގެ ސަބަބުން، ގްރީންލޭންޑަކީ އެމެރިކާގެ ސިފައިންނަށާއި އެމެރިކާގެ ބެލިސްޓިކް މިސައިލްތައް ބޭނުންކުރުމަށް ސްޓްރެޓެޖިކް ގޮތުން މުހިންމު ތަނެކެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ޤައުމީ ސަލާމަތާއި މުޅި ދުނިޔޭގެ މިނިވަންކަމަށްޓަކައި އެމެރިކާގެ މިލްކުވެރިކަމާއި ބާރުގެ ދަށުގައި އެ ސަރަޙައްދުގައި އޮތުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. މި ވާހަކައާ ގުޅިގެން އެ ސަރަޙައްދުގައި ވަނީ ރުޅިވެރިކަން އުފެދިފައެވެ.

ޓްރަމްޕް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ގްރީންލޭންޑްގެ ބޮޑުވަޒީރު މޫޓެ އެގެޑެ ވިދާޅުވެފައި ވަނީ ގްރީންލޭންޑަކީ އެމީހުންގެ ތަނެއް ކަމަށާއި އެތަން ދުވަހަކުވެސް ވިއްކުމުގެ ޚިޔާލު ނުގެންގުޅުއްވާ ކަމަށެވެ. އަދި ހަނގުރާމައިގެ މިނިވަންކަމުގެ ދިގު ތާރީޙެއް އޮތް ތަނެއްގެ މިނިވަންކަން ގެއްލުވައިލައިގެންނުވާނެ ކަމަށެވެ.

ރައީސް ޓްރަމްޕް އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ގްރީންލޭންޑް ގަތުމަށް ހުށަހަޅުއްވާފައިވެއެވެ. މިއީ ބުއްދި ހަމަނުޖެހޭ ކަމެއް ކަމުގައި ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސެން ވަނީ ވިދާޅުވެފައެވެ.

ގްރީންލޭންޑަކީ 600 އަހަރަށްވުރެ ގިނަ ދުވަހު ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ތަނެކެވެ. އަދި 1979 ގައި ޑެންމާކުން ވަނީ އެތަނަށް މިނިވަން ވެރިކަމުގެ ބާރުތައް ދީފައެވެ. 2009 ގައި ޑެންމާކާއި ގްރީންލޭންޑުން ތަންފީޒުކުރި ގްރީންލޭންޑްގެ އަމިއްލަ ވެރިކަމުގެ ޤާނޫނުގެ ދަށުން، ގްރީންލޭންޑުގެ ރައްޔިތުންނަކީ އަމިއްލަ ނަފްސު ކަނޑައެޅުމުގެ ޙައްޤު ލިބިގެންވާ، މިނިވަންކަމުގެ އިޚުތިޔާރު އޮތް ޤައުމެއް ގޮތުގައި ވަނީ ބަލައިގެންފައެވެ.

ރައީސް ޓްރަމްޕް ވަނީ ޕެނަމާ ކެނަލް އަނބުރާ އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. އެއީ ޕެނަމާއިން, އެ ސަރަޙައްދުގެ ކޯރު މަގު ބޭނުންކުރުމަށް ނަގާ އަގު މާ ބޮޑު ކަމަށް ތުހުމަތުކުރައްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު