Tuesday, November 17
ފަނޑިޔާރު ބަލައިނުގަންނަ ކަމަށް ބުނެ ހަޑިހުތުރު ބަހުން ކޯޓުގައި ވާހަކަދެއްކި މީހަކަށް ޖަލު ހުކުމެއް

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި އިންނެވި ފަނޑިޔާރަކީ އޭނާ ގަބޫލުކުރާ ފަރާތެއް ނޫން ކަމަށް ބުނެ ހަޑިހުތުރު ބަހުން ވާހަކަދެއްކި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމް އިއްވައިފައިވަނީ ގ.ސެމިޓޯން، އިބްރާހިމް ޝަރީފް (40އ) ގެ މައްޗަށެވެ.

މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް، ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާއަކީ ކާކުކަން ބުނެދޭން އެންގުމުން ކާކުކަން ބުނެދީފައިނުވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އިންނެވި ފަނޑިޔާރަކީ އޭނާ ގަބޫލުކުރާ ފަރާތެއް ނޫން ކަމަށް ބުނެ ވާހަކަ ދެއްކުމުން އެފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް ޝަރީއަތުން ނަސޭހަތްތެރިވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެފަދައިން ނަސޭހަތްތެރިވުމުން ވެސް އޭނާ އެކަން ތަކުރާރުކޮށްފައިވާތީ ޝަރީއަތުގެ ނިޒާމާއި ޚިލާފުވި ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ 1 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރެވިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

މީގެއިތުރުން ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ތުހުމަތާ ގުޅިގެން ވާހަކަ ނުދައްކައި ކުރިން ދެއްކި ވާހަކަތައް ތަކުރާރުކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ އިތުރު 1 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރެވިފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު