ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ކުރިޔަށް ގެންދިޔުމާ ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.
އީޕީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާތައް ފުރިހަމަ ކުރުމަކާ ނުލައި އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން އެ އެޖެންސީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އެގޮތުން އީޕީއޭ އިން ބުނީ މި މައްސަލައާ ގުޅިގެން ދެފަރާތް މެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުންނާއި އެ އެޖެންސީން ބެލިބެލުންތަކުން، އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އީޕީއޭ އިން ތަންފީޒުކުރަމުންގެންދާ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް 20،000ރ. އިން ޖޫރިމަނާކުރެވިފައިވާކަން 11 ޑިސެމްބަރ 2024 ގައި އަންގާފައިވާ ކަމަށައި، ޖޫރިމަނާއަށްވާ ފައިސާ 18 ޑިސެންބަރު 2024 ގައި އެ ކުންފުނިން އީޕީއޭ އަށް ދައްކައި ޚަލާސްކޮށްފައިވާ ކަމަށްވެސް އެ އޭޖެންސީން ހާމަކުރެއެވެ.
އީޕީއޭގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރިޔަށް ގެންދާ އެންމެހާ މަޝްރޫޢުތަކުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 އާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށްގެންދިއުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން