Saturday, October 31
ހަސީނާގެ ޝަރީޢަތް ހިންގުމަށް ޤައުމަށް ފޮނުވުމަށް ބަންގްލަދޭޝްއިން އިންޑިއާއަށް އަންގައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޝަރުޢީ މަރުހަލާއަށް ޤައުމަށް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބަންގްލަދޭޝްއިން އިންޑިއާއަށް އަންގައިފިއެވެ.

އޯގަސްޓް މަހު އިންޑިޔާގެ ހިމާޔަތް ހޯދައިގެން ނިއު ދިއްލީއަށް ފިލައިގެން ގޮސްފައިވާ ހަސީނާ ޝަރުޢީ މަރުހަލާއަށް ޤައުމަށް އަނބުރާ ފޮނުވުމަށް އެދި އިންޑިޔާ ސަރުކާރަށް "ވާރބްލް ނޯޓް" އަކުން އަންގާފައިވާ ކަމަށް ބަންގްލަދޭޝްގެ ޚާރިޖީ މިނިސްޓްރީގެ ވަގުތީ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް, ޝަރުޢީ މަރުހަލާ އާއި ބެހޭ އިތުރު ތަފްސީލެއް ދީފައި ނުވެއެވެ. އިންޑިއާގެ ޚާރިޖީ މިނިސްޓްރީގެ ރަސްމީ ޚަބަރު ފަތުރާ ފަރާތްތަކުން މި ނޯޓް ލިބިފައިވާ ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން މިވަގުތު އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ވިޔަފާރި އަދި ސަޤާފީ ގުޅުން އެންމެ ވަރުގަދަކޮށް އޮންނަ އަވަށްޓެރި މި ދެ ޤައުމުގެ ގުޅުން ވަނީ، ހަސީނާގެ ވެރިކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާކޮށް ވެރިކަމުން ވައްޓާލުމުން، އިންޑިއާގެ ސަރަހައްދަށް ފިއްލަވައިގެން ވަޑައިގަތުމާ ގުޅިގެން ގޯސްވެފައެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ނިއުދިއްލީއަށް މި ނޯޓް ފޮނުވާފައި ވަނީ އިންޑިއާގެ ޚާރިޖީ ސެކްރެޓަރީ ބަންގްލަދޭޝްއަށް ޒިޔާރަތްކުރުމަށްފަހު، ދެ ޤައުމުން ގުޅުން އިޞްލާޙުކުރުމަށް އުންމީދުކުރާކަމަށް ބުނިތާ ދެ ހަފުތާއެއްގެ ފަހުންނެވެ. ހަސީނާއާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާއި، ނަސްލު ހަލާކުކުރުމާއި، މަރުގެ މައްސަލަތައް ހިމެނޭ ގިނަ ދަޢުވާތަކެއް ވަނީ އުފުލައިފައެވެ. ނަމަވެސް އޭނާ ވަނީ މި ހުރިހާ ދަޢުވާތަކެއް ދޮގުކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު