Saturday, November 14
ހަނިމާދޫ އެއަރޕޯޓް ޖޫން މަހު ނިމި ޚިދުމަތް ދެވޭނެ - މުބީން

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ގެ މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭގައި ބޭނުންކުރެވޭނެ ކަމަށް ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

ތެލެވިޜަން މޯލްޑިވްސް ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ އެއަރޕޯޓް ގެ މަސައަކަތް ނިންމަން މިހާރު އޮތް ތާރީޚަކީ އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހާިއ ހަމައަށް ކަމަށެވެ.

" އަހަރުގެ މެދުތެރޭ ހިސާބަށް އަންނަންވާއިރަށް މަސައްކަތް އެއްކޮށް ނިންމާ ހުޅުވާލެވޭނެކަމަށް މިބަލަނީ. އަޅުގަނޑުމެން މިބަލަނީ ޖޫން/ޖުލައި ހިސާބުގައި އެއްކޮށް ނިންމަން" މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވި މިހާރު ޕްލޭން ކުރެވިފައި އޮތީ ދެ ބުރިއަށް ހެދިފައިވާ އެއަރޕޯޓުގެ ފަސިންޖަރ ޓާރމިނަލް ގެ އެއްބައި ހުޅުވާ ބޭނުންކުރަން ކަމަށެވެ. އެހެން ނަމަވެސް ހުޅުވުމުގެ ކަންކަން ނިންމާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އެކު މަޝްވަރާކޮށް އެމް.އޭސީ.އެލް ގެ ލަފައާއި އެކު ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާނީ އެމް.އޭ.ސީއެލް އިންނެވެ.

އެއަރޕޯޓުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ފަސިންޖަރ ޓާރމިނަލްގެ މަސައްކަތެވެ. ޓަވަރުގެ ބޮޑުބައެއް ނިމިފައިވާ އިރު ރަންވޭގައި ނުނިމި ހުރީ ލައިޓް ހަރުކުރުމާއި ޕެއިންޓް ކުރުންފަދަ ކުދި މަސައްކަތް ކަމަށް މުބީން ވިދާޅުވިއެވެ.1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރާ މި އެއަރޕޯޓް މުސްތަގުބަލުގައި ވެގެންދާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޓްރެފިކް ބާރު ބޮޑުވާ ހާލަތްތަކުގައި ބޭނުންކުރެވޭނެ ހަބެއްގެ ގޮތުގައި ކަންވެސް މުބީން ފާހަގަކުރެއްވި އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ  ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ.

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ގެ ދަށުން މިހާރުވެސް ރާއްޖޭގެ 8 އެއަރޕޯޓް ބޭނުންކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި 2 އެއަރޕޯޓް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު