Saturday, November 14
ހުނަރުތަކުން ތަމްރީންވެ، ވަޒީފާތަކަށް ނިކުތުމަކީ ދަށް ކަމެއްނޫން: މިނިސްޓަރ

ޤައުމަށް ބޭނުންވާ ތަފާތު ހުނަރުތަކުން ތަމްރީންވެގެން ވަޒިފާތަކަށް ނިކުތުމަކީ، ދަށް މަސައްކަތެއް ނޫންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ފަހިކުރުމަށްޓަކައި ތިން ފަރާތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ތިން ފަރާތަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އަދި ވިލާ ހޮޓެލްސް ގްރޫޕް އެވެ.

މިނިސްޓަރ ވިދާޅުވީ، ޕްރޮފެޝަނަލް ދާއިރާ ތަކާއި އެއް ހަމައެއްގައި ހުނަރުތަކުން ތަމްރީންވެގެން ވަޒީފާތަކަށް ނިކުންނަ ފަރާތްތަކަށް އިހްތިރާމް ލިބޭކަމަށެވެ.

މިނިސްޓަރ ވަނީ އެކެޑެމިކް ދާއިރާ އާއިއެއްގޮތަށް ހުނަރުތައް ތަރައްޤިކުރުމުގެ ދާއިރާ އަކީ އެއް ހަމައެއްގައި ވާ ދެކަންތައްކަން ޤަބޫލުކުރުމަށް އާއްމުންނަށް ވެސް ގޮވާލައްވާފައެވެ. ޕްރޮފެޝަނަލް ސްކިލްސް އަކީ އަހައްމިއްޔަތުކަން ދޭންވާ ސްކިލްސް އެއްކަން މިހަރު ގިނަބަޔަކު ދެކޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މިހާ ހިސާބަށް ޤައުމު އައިސްފައިވާއިރު ގިނައީ ހުނަރުވެރިކަމުން ކުރިޔަށްގޮސްފައިވާ ދަރިވަރުން. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހުނަރުތަކުން ކުރިއަރައިގެން ދިއުމަކީވެސް ހަމަ އިހްތިރާމް ލިބޭކަމެއްކަން" މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ޤައުމަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަކީ މިހާރަށް ވަރަށް ބޭނުން ޖެހިފައިވާކަމެއްކަމަށެވެ. މިހާރަކަށް އައިސް ގިނަ މީހުންނަށް، ޤަބޫލްކުރެވިފައި އޮންނަނީ އަބުރުވެރި މަސައްކަތަކަށް ވަނީ ޕްރޮފެޝަނަލް ވަޒީފާތަށްކަމަށެވެ. އެހެންނަމަވެސް ހުނަރުތަކުން ތަމްރީން ވެވިގެން ވަޒީފާތަކަށް ނިކުތުމަކީވެސް އަބުރުވެރި މަސައްކަތެއްކަމަށް މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް ގްރޭޑް 10 އެއް ނިމިފައި ތިބި ދެ ހާހަށްވުރެ ގިނަކުދިން ނަށް ކެރިއަރގައިޑޭންސް ދޭނެ މަގުތައް ހޯދަން ޖެހިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.  މިފަދަ އެއްބަސްވުންތަކުގެ ސަބަބުން، ތަފާތު ދާއިރާތަކަށް ކުދިން އަހުލުވެރިކޮށް ހުނަރުތަކަށް ތަރައްޤީކުރުމަށް އެހީއަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު