Saturday, October 31
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ޝަކުވާތަކަށް ޚާއްޞަ ޕޯޓަލެއް ހުޅުވައިފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޝަކުވާތަކަށް ޚާއްޞަ ޕޯޓަލެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ތަޢާރަފްކޮށްފިއެވެ.

މިގޮތުން ފުލުހުން ވަނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަޙުޤީޤަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://evidence.police.gov.mv މެދުވެރިކޮށް ހިއްސާކުރުމަށް އެދިފައެވެ.

މީގެ އިތުރުން، މަޢުލޫމާތު ހިއްސާކުރާއިރު، އަމިއްލަ މަޢުލޫމާތު ހާމަނުކޮށް ނުވަތަ ތަޙުޤީޤު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މަޢުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި، މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ފުލުހުން ވަނީ އަރުވައިފައެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން މިފަހުން ފެންމަތިވި ކަންބޮޑުވުންތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގަން ދިވެހި ފުލުހުންގެ ޚިދުމަތަށް އަމުރުކޮށްފައެވެ. މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ ހޫނުވެފައި މިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައާ ގުޅިގެންނެވެ. މިގޮތުން ބިންވެރިޔާ ލިސްޓުގައި ނުހިމެނޭ ފަރާތެއް ކަމަށްވާ އެޗް.ޑީ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ ކަމަށްވާ އެމް.ޑަބްލިއު.އެސް.ސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދަށް ގޯތި ދީފައިވާކަން ހާމަވާ ލިޔުންތަކެއް ވަނީ ލީކުކޮށްލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު