Saturday, October 31
ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ޕާޓީތަކާއެކު މަސައްކަތް ކުރަން ޑެމްސްއިން އިގުރާރުވެއްޖެ

ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރުކުރުވުގެ މަސައްކަތް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން، މި މަސައްކަތް ކުރުމަށް އެއްބަސްވާ ހުރިހާ ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއެކު މަސައްކަތް ކުރުމަށް ދަ ޑިމޮކްރެޓްސް (ޑެމްސް) އިން އިގުރާރުވެއްޖެއެވެ.

ޑެމްސްއިން މިގޮތަށް ނިންމީ 19 ޑިސެމްބަރު ވީ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ 11 ވަނަ ބައްދަލުވުމުން ފާސްކުރި ގަރާރަކުންނެވެ.

ނެޝަނަލް އެސެމްބްލީއަށް މި ގަރާރު ހުށަހެޅުއްވީ ޑެމްސްގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) އެވެ.

ގަރާރު ހުށަހެޅުއްވި ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  • ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމާއި، ވައުދުތަކާ ޚިލާފުވުން.
  • ރާއްޖޭގެ އިގުތިސާދަށާއި، މާލިއްޔަތަށް ގެއްލުން ބޮޑު އެތައްކަމެއް ތަކުރާރުކޮށް ކުރަމުންގެންދިއުން.
  • ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން އިތުރުވަމުންދިއުން.
  • ގާނޫނުއަސާސީއިން ތަރުތީބުކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކޮށް ދައުލަތުގެ މުވައްސަސާތައް ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ލިބޭނެ ގޮތަށް ބަދަލުކުރުން.
  • ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ކުއްލި ބޮޑެތި ބަދަލުތައް ގެނެސް ސަރުކާރު ޖަވާބުދާރީކުރުވުމުގެ ދޮރުތައް ބަންދުކުރުން.

މި ކަންކަމަކީ ޒިންމާދާރު ސަރުކާރަކުން ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށާއި، މި ކަންކަން މި ގޮތަށް ކުރަމުންދަނީ ރަނގަޅު ނިޔަތުގައި ނޫންކަމާއި، ނުވަތަ ގަސްތުގައި ކަމަށް ދެކޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ސަރުކާރު ހަމަމަގަށް އަޅުވައި ޖަވާބުދާރީވުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ޒިންމާއެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

'"ދަ ޑިމޮކްރެޓްސް ދެމި އޮތް މަގުސަދާއި އަދި އެކަމަށް މި ޕާޓީން ކުރަމުންދާ މަސައްކަތް ކާމިޔާބުކޮށް ހާސިލުކުރުމަށްޓަކައި މިހާރު މި އޮތް ސަރުކާރު ހަމަމަގަށް ޒިންމާދާރު ކުރުމުގެ މަސައްކަތް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން މި މަސައްކަތް ކުރުމަށް އެއްބަސްވާ ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއެކު އެއްބަސްވެވޭ ހަމަތަކެއްގެ މަތިން މަސައްކަތް ކުރުމަށް ދަ ޑިމޮކްރެޓްސް އިގުރާރުވަމެވެ."' ގަރާރުގައިވެއެވެ.

ދާދިފަހުން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ޕާޓީތަކާއެކު މަސައްކަތް ކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު