Friday, November 13
ފެންވަދެ ގެއްލުންވެގެން 32 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ރޭ މާލެއަށް ކުރި ވިއްސާރައިގައި 8 ގޭބިސީއަކުން 32 މީހުންނަށް ވަގުތީ ބޯހިޔަވަހިކަން ހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައި ދެވުނުކަމަށެވެ.

ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސީ އެ ގޭބިސީތަކުގައި ކައްކާ ކައިބޮއެ ހެދުމަށާއި، ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުން ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން މައުލޫމާތުދެއެވެ.

ވިއްސާރައިގައި ވަގުތުން އެހީތެރިކަން ދޭންޖެހުނު 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ދިވެހި ރެޑްކްރެސެންޓް ގެ އެހީތެރިކަމާއި އެކު ހެދިފައިވެއެވެ.

އެގޮތުން ރޭ ކުރި މި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވި ސަރަހައްދުތަކުގައި ފެން ވަނުން ކޮންޓްރޯލް ކުރުމަށް 47 ތަނެއްގައި 229 ވެލިބަސްތާ ޖަހާފައިވެއެވެ. އޭގެ ތެރޭގައި މިހުން ދިރިއުޅޭ ގެތަކާއި، ގުދަންތަކާއި ވިޔަފާރި ތަންތަން ހިމެނެއެވެ.ޑިޒާސްޓަރ އިން ބުނީ މި  މަސައްކަތް ކުރިއަށް ގެންދިޔައީ ސިފައިންނާއި، ސިޓީ ކައުންސިލާއި، ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ އެހީތެރިކަމާއި އެކުގައެވެ.

ރޭ ވެހުނު ވާރޭގައި މުޅި މާލޭގައި ފެން ބޮޑުވެ، ހިނގާބިނގާ ވުމަށާއި ދަތުރުފަތުރަށް ވެސް ވަނީ ދަތިވެފައެވެ. ރޭ ވެހެން ފެށިވާރޭ ހުއްޓާލާފައިވަނީ މިއަދު ހެނދުނުއެވެ. މެޓް އޮފީހުން ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭ މާލެއަށް 136 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައެވެ.

މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށްވެސް ވިއްސާރަވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ އެ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ބައެއް ސަރަޙައްދުތަކަށް ވައިގަދާނެ ކަމަށްވެސް ލާފާކޮށްފައިވެއެވެ. މިރޭ އަށެއް ޖެހުމާއި ހަމައަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ގައިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު