Saturday, October 31
ބިންވެރިޔާ ސްކީމްގެ އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުދެން: އަކްރަމް

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިންގ މިނިސްޓްރީން ދޫކޮށްފައި ނުވާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހައުސިންގ ކޮމިޓީގެ މުޤައްރިރު، އަކްރާމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަނާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ލިސްޓުގައި ނެތަސް، ގޯތި ލިބުނުކަމުގެ ރަޖިސްޓްރީ ދިނީ ކުރީގެ ސަރުކާރުން ކަމަށް އެ މައްސަލައިގައި މިހާރު ސަސްޕެންޑްކޮށްފައިވާ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމް.ޑަބްލިއު.އެސް.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދު ވަނީ ތަޙުޤީޤަށް މަޢުލޫމާތު ދެއްވައިފައެވެ.

މިކަމަށް ރައްދު ދެއްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަކްރަމް ވިދާޅުވީ، އެއްބަސްވުމެއް ކަމަށް ދެއްކުމަށްޓަކައި ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދުމުން ވެސް، އެ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލެއް ވެސް ނަހަދައި، ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި އެވާހަކަ ދެއްކީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުމަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ފުލުހުން އެ ބުނާ ފަޒީލްއާ އަޅުގަނޑާ ދުވަހަކުވެސް ބައްދަލުވެފައި ނުވެއެވެ. އަދި، އެއްވެސް މުއާމަލާތެއް ވެސް އޭނާއާ ކޮށްފައި ނުވާނެއެވެ. އެއްވެސް ކަމެއްގައި ބައްދަލު ކުރަން އޭނާ އެދިފައެއްވެސް ނުވެއެވެ."، އަކްރަމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިންގ މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަޤީންކަން އަރުއްވާ ކަމަށެވެ.

"ސަރުކާރުގައި އަޅުގަނޑު އަދާކުރި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ"، އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ނޫސްވެރިންގެ އެއްވެސް ސުވާލެއް އޮތްނަމަ ސުވާލުކުރުމަށް ފުރުޞަތު ދެއްވުމަށް ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރުމަށް ގަސްތުކުރައްވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު