ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ދަ ޑިމޮކްރެޓްސް (ޑެމްސް) އިން ތަދައްޚުލުވެއްޖެއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރުމަށް އެދި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ޙުސައިންއެވެ.
އެކަން ހާމަކުރައްވައި މިދިޔަ މަހުގެ 24 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ވިދާޅުވި ގޮތުގައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ޚިލާފަށް ކަމަށްވާތީ ކަމަށެވެ.
ގާނޫނުއަސާސީއަށް ގެނައި އެއް އިސްލާހަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ހިމަނާފައިވަާ ބަދަލުތަކެވެ. މި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް ވަނީ އިތުރުކުރެވިފައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމެވެ.
މީގެއިތުރުން ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލާއެކު ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނަކުންނެވެ. އަދި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާހުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.
ޢަލީ ޙުސައިން ހުށަހެޅުއްވި މައްސަލައަށް ތަދައްޚުލުވާން ނިންމާފައިވާކަން ހާމަކޮށް، ޑެމްސްއިން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންޓި-ޑިފެކްޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލުމަކީ އުސޫލީ ގޮތުން އެ ޕާޓީއިން ތާއީދުކުރާ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެންމެ 4 ގަޑިއެއްހާއިރު ތެރޭގައި އަވަސް އަރުވާލައިގެން ފާސްކުރި ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލާ، ގާނޫނުއަސާސީގެ ކިތަންމެ ތަސައްވުރަކާ ދެކޮޅަށް އޮތް އަދި ވަކިން ޚާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލުގެނުވާ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ޚިލާފު ގާނޫނެއް ކަމަށް ޑެމްސްއިން ވަނީ ބުނެފައެވެ.
އޭގެ ސަބަބުތަކުގެ ތެރޭގައި ޑެމްސްއިން ފާހަގަކޮށްފައިވާ ނުކުތާތައް:
- ޕްރެޒިޑެންޝަލް ޑިމޮކްރަސީ އެއް ނުވަތަ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައަޅައި އެ ބީދައިން ގާނޫނުއަސާސީ ފަރުމާކުރެވި ދައުލަތުގެ ތިން ބާރު އެއްބާރު އަނެއް ބާރާއި ސާފުކޮށް ވަކިކުރެވިފައި އޮތް އޮތުން މި އިސްލާހުގެ ސަބަބުން ނިމުމަކަށް އައިސް ސީދާ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ރައްޔިތުންގެ މަޖިލިސް ގެނައުމާއެކު، ގާނޫނުއަސާސީ ތަސައްވުރުކުރާ އެންމެ އަސާސީ އެއް ސިފަ ކަމުގައިވާ ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމު އުވި އަދި ދައުލަތުގެ އެންމެ ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އައުމާއި ރައްޔިތުންގެ ކިބައިގައި އެ ބާރުތައް ދެމިއޮންނަން ވާނެކަމަށް ބަޔާންކޮށްފައިވާ ބަޔާންކުރުމާ ޚިލާފުވުން.
- ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ގޮތުގައި ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކާއި، ސަރުކާރުގެ މައްޗަށް ފާރަވެރިވުމާއި ޖަވާބުދާރީކުރުވުމާއި، އަދި މީގެ އިތުރުން ގާނޫނުއަސާސީގެ މުހިއްމު ތަސައްވުރެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިނިވަންކަމާއެކު މުޅި ދިވެހިރާއްޖެއާއި ރައްޔިތުންގެ ފަރާތުން ވާކާލާތުކުރުމާއިއެކު މިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގައި ދައްކާ ވާހަކަތަކާއި، ވޯޓު ދޭ ގޮތާއި މި ފަދަ އެއްވެސް ކަމަކުން އެއިން މެމްބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް، ދައުވާއެއް އަދި ޝަރީއަތެއް ވެސް ނުހިންގޭނެހެން ސީދާ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އިމްތިޔާޒުތައް ނިގުޅައިގަނެ، އިންތިހާބީ މި މަގާމުތަކުގެ ދެމިއޮތުމާއި ނެތުން ސިޔާސީ ޕާޓީއެއްގެ އައްޔަނުކުރެވޭ ފިޔަވަޅު އަޅާ ކޮމިޓީއެއްގެ ބާރުގެ ދަށަށް ގެނައުން.
- ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަދުވެގެން ބޭނުންވާ އަދަދަށް ވުރެ، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދުގެ ތެރެއިން އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެމްބަރުންގެ އަދަދު އިތުރު، މިހާރުގެ ހާލަތްފަދަ ހާލަތެއްގައި، އެއްވެސް ސަބަބަކާ ހުރެ އެ ޕާޓީއެއްގެ ލީޑަޝިޕަށް ނުވަތަ ފިޔަވަޅު އަޅާ ކޮމިޓީއަށް ފެނި އެ އެންމެ މެމްބަރުން ނުވަތަ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ އަދަދު ހަމަނުވާނެ މިންވަރަށް މެމްބަރުން ވަކިކޮށްފި ހާލަތުގައި، މުޅި ނިޒާމު ހުއްޓުމަކަށް އައިސް، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓި، ވަކި ސިޔާސީ ޕާޓީއެއްގެ އަތްމައްޗަށް ދައުލަތުގެ އެންމެހައި ބާރުތައް ނެގުމުގެ ފުރުސަތު ހޯދާފައިވުން.
މީގެއިތުރުން މިހާރު އިންތިޚާބުކުރެވި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް މެމްބަރުން އިންތިޚާބުކުރެވުނުއިރު، ސިޔާސީ ޕާޓީއަކަށް ފެނިއްޖެ ހާލަތުގައި އެ މެމްބަރުގެ ގޮނޑި ގެއްލުވާލުމަކީ ހުޅުވިފައި އޮތް ފުރުސަތަކަށް ނުވުމާއި އަދި މި އިސްލާހުގައި ވެސް ހިނގަމުންދާ ދައުރުގެ މަޖިލިސް މެމްބަރުންނާ ގުޅޭ ސާފު ބަޔާންކުރުމެއް ނެތި އާންމު މާނަކުރުމަށް ޖާގަ ހުޅުވާލެވިފައިވާކަން ވެސް ޑެމްސްއިން ފާހަގަކޮށްފައިވެއެވެ.
ޑެމްސްގެ ރައީސް ޙަަސަން ލަޠީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީއާއި އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ޚިލާފަށް ކަމަށްވާތީ ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް އެ ޕާޓީން އިއްޔެ ތަދައްޚުލުވެފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން