Saturday, October 31
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި ކަރަންޓު ޚިދުމަތުގެ ކުރިމަގު އޮތީ ވަރަށް ވެސް އުޖާލާކޮށް: ފަހުމީ
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކަރަންޓު ޚިދުމަތުގެ ކުރިމަގު އޮތީ ވަރަށް ވެސް އުޖާލާކޮށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ސްޓެލްކޯގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަހުމީ ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާ ހަމަޔަށް މިއަދު ވާސިލުވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމު ބިނާކުރުމާއި، ތަރައްގީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްގީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚުލާސްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތަކެއް ކަމަށެވެ. މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. ''ޝައްކެއްނެތް ގޮތުގައި، އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާސިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.'' ޕޯސްޓު ނިންމަވާލައްވަމުން ފަހުމީ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި މި ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށްކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު