Saturday, October 31
ފަޟުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލާގެ ތަހުގީގާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ފުލުހުން ތަހުގީގުކުރަމުންދާ ބިންވެެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ޖުމްލަ 20 މީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.

އެ މީހުންގެ ތެެރޭގައި ފަޟުލްއާއި، އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލު ރަޝީދު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް އެޗްޑީސީން ގޯތި ދިންއިރު، އޭގެތެރޭގައި ފަޒީލު ވެސް ހިމެނެއެވެ. ފުލުހުން ވަނީ އޭނާގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަޙްމަދު ނާސިފް ފިޔަވައި އެޗްޑީސީގެ ބޯޑުގެ ހުރިހާ މެންބަރުންނާއި، ފަޟުލްގެ އިތުރުން ފަޒީލު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

މި މައްސަލާގެ ތަހުގީގުގައި މިހާތަނަށް ހަ މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ފަޒީލު ވެސް ހިމެނޭ ކަމަށް ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ސުވާލުކުރި މީހުންގެތެރޭގައި އެޗްޑީސީގެ މުވައްޒަފަކު ނުހިމެނޭ ކަމަށާއި، ފަޟުލްއަށް އަދި ތުހުމަތެއް ނުކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު