Wednesday, November 18
ފަޒުލް ސަސްޕެންޑް ކުރުމުން އެކަނި ނިންމާލެވޭކަށް ނެތް: އަކްރަމް ކަމާލުއްދީން

ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ސަސްޕެންޑް ކުރުމުން އެކަނި ނިންމާލެވޭކަށް ނެތް ކަމުގައި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހައުސިންގ ކޮމިޓީގެ މުޤައްރިރު، އަކްރާމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި އަކްރަމް ވިދާޅުވީ މި ޖުލައި މަހު މިކަން ހައުސިންގ މިނިސްޓްރީ އަށް އެނގުނު ހިސާބުން މިކަމަށް ފިޔަވަޅު ނޭޅުއްވިކަން އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"މިކަމުގައި ޒިންމާ ނަގަން އެބަޖެހޭ. ފަޒުލް އެކަންޏެއް ނޫން. ފަޒުލް ސަސްޕެންޑް ކުރުން...އެކަނި މިކަން ނިންމާލެވޭކަށް ނެތް. އެއީ އަޅުގަނޑު ދަންނަވާނީ އެޅުވާލި އަނދުނެއް ކަމަށް. ފަޒުލް ސަސްޕެންޑްކުރިކަން އިޢުލާންކުރެއްވީވެސް އެންސްޕާގެ ވައްކަމުގައި ބައިވެރިވެވަޑައިގެންނެވި ހީނާ ވަލީދު، ތަރުޖަމާނެއްގެ ހައިސިއްޔަތުން. އެހެންވީމަ މީގަ އެއްވެސް ހަރުދަނާކަމެއް ނެތް ކަމާއި، މީގެ ދޯދިޔާކަން އެބަ ފެނޭ"، އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ، ހުރިހާ ތަފްޞީލެއް އެނގޭނީ ހައުސިންގ މިނިސްޓްރީއަށް ކަމަށާއި، ހުސްކޮށް ހުރި ޕްލޮޓްތަކުގެ ނަންބަރާ އެއްޗެހި އެ މިނިސްޓްރީން ހިއްސާ ނުކުރަންޏާ އެޗްޑީސީ އަކަށް ނޭނގޭނެ ކަމަށާއި، މިކަމުގައި ހައުސިންގ މިނިސްޓްރީގެ ވަރަށް ބޮޑު އިސް ރޯލެއް އެބައޮތް ކަމަށެވެ.

އެއަށްފަހު އަކްރަމް ވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދުގެ އިސްތިޢުފާއަށް ގޮވާލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު