ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަން އެމަނިކުފާނުގެ ނިންމެވުންތަކުން ހާމަވަމުންދާ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަށް އެނގިވަޑައިގެން، ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ހިންގިޔަ ނުދެއްވާނެ ކަމަށާއި، އެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރާއްޖެއިން ކޮރަޕްޝަން މަދުކުރެވޭނީ ކޮރަޕްޝަނަށް މަގުފަހިވާ ކޮންމެ ކަމަކަށް ހުރިހާ މުއައްސަސާތަކުންނާއި، އާންމު ރައްޔިތުން ވެސް ނޫނެކޭ ބުނެގެން ކަމަށާއި، އެ ހިތްވަރު އެންމެންގެ ހުންނަންވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ “ބިންވެރިޔާ” ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް، މަކަރާއި ހީލަތުން ބިންތައް ދީފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ތަންފީޒީ އިދާރާތަކުން އެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނިކޮށެވެ.
ބިންވެރިޔާ ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތަކެއް އާންމުވެފައިވާއިރު، އެ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެއެވެ. ނަމަވެސް އޭނާއަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.
މި މައްސަލާގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަހުގީގު ނިމި ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަޙްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ކުންފުނީގެ އެމްޑީ ފަޟުލް ވެސް ވަކިގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީއަކަށް ހުންނެވި ފަޒީލް މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން