ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގަން ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ސަރުކާރުން ހިންގާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި ކަމަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، މިއީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ހިނގާފައިވާ އެންމެހައި ކަންކަންމުގެ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގުމަށްފަހު، އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި މިއޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވާ ކަމަށް އެ އޮފީހުން ހާމަކުރެއެވެ.
އަދި މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު 1 ފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވާ ކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ ހޫނުވެފައި މިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ފެންމަތިވި މައްސަލައާ ގުޅިގެންނެވެ. މިގޮތުން ބިންވެރިޔާ ލިސްޓުގައި ނުހިމެނޭ ފަރާތެއް ކަމަށްވާ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ ކަމަށް އެމް.ޑަބްލިއު.އެސް.ސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދަށް ގޯތި ދީފައިވާކަން ހާމަވާ ލިޔުންތަކެއް އިއްޔެ ވަނީ ލީކުކޮށްލައިފައެވެ.
މި ލިޔުން ކިޔާލުމުން