Saturday, October 31
ޤައުމަށް އުޖާލާ މުސްތަޤުބަލެއް ގެނެވޭނީ ކޮރަޕްޝަން ނައްތާލައިގެން: ޑރ. ޝަހީމް
ޤައުމަށް އުޖާލާ މުސްތަޤުބަލެއް ގެނެވޭނީ ކޮރަޕްޝަން ނައްތާލައިގެން ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޑރ. ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ، ޤައުމަށް އުޖާލާ މުސްތަޤުބަލެއް ގެނެވޭނީ ކޮރަޕްޝަން ނައްތާލައިގެން ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ރައީސް އަޅުއްވަމުންގެންދަވާ ކޮންމެ ފިޔަވަޅަކަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ. ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ވަނީ ތަޙުޤީޤުކުރަން ފަށައިފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ނިމެންދެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ މިކަމުގެ ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދާއެކު، ޗެއާމަން ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އެމް.ޑަބްލިއު.އެސް.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދުވެސް ވަނީ މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު