Saturday, October 31
ބިންވެރިޔާ ސްކީމްގެ ދަށުން ބިންތައް ދޫކުރަނީ އެޗްޑީސީން ނޫން: ފަޒުލް

ބިންވެރިޔާ ސްކީމްގެ ދަށުން ބިންތައް ދޫކުރަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޫން ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެޗްޑީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުހުމަތުތަކަށް އިންކާރުކުރައްވައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ އިޝޫކުރަނީވެސް އަދި އެއްބަސްވުން ހަދަނީވެސް ނުވަތަ ބިން ހަވާލުކުރަނީވެސް އެޗްޑީސީން ނޫން ކަމަށެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ، އެޗްޑީސީން މިކަމުގައި ޝާމިލުވަނީ އިންފާރު ރާނަން އެޕްލިކޭޝަން އަންނަ ހިސާބުން އެކަނި ކަމަށާއި، އޭގެ ކުރިން އޮންނަނީ އެ ކުންފުންޏާއި ހައުސިންގ މިނިސްޓްރީ އާ ދޭތެރޭ އޮންނަ މުޢާމަލާތްތަކެއް ކަމަށާއި، އެހެންކަމުން އެ ކުންފުނިން ބަލަނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަކީ ރަޖިސްޓްރީ އޮންނަ ފަރާތެއްކަން ކަމަށާއި، އެހިސާބުން ފެށިގެން ބައުންޑްރީ ޕާމިޓް ދޫކުރަނީ ކަމަށެވެ.

މިގޮތުން އެއް ބިމަކަށް ދެ އެޕްލިކޭޝަނެއް ލިބުމުން، އެ މައްސަލަ ހައުސިންގ މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދެ ޕްލޮޓަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކި ކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފުލުހުންގެ ޚިދުމަތުން ވަނީ މި މައްސަލާގެ ތަހުގީގު ފަށާފައެވެ. އެގޮތުން އިއްޔެ ވަނީ އެޗްޑީސީއަށް ވަދެ ފާސްކޮށްފައެވެ.

އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން މިނިސްޓްރީން އެންގުމުން ކަމަށް ބުނާ ލިޔުންތަކެއް ވެސް އާންމުވެފައިވެއެވެ.

އެ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެއެވެ. ނަމަވެސް އޭނާއަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު