އާދިއްތަ, November 1
ހިތުހުރި ބަޔަކަށް ބިން ބަހާލަން ކެރެނީ އަދުލުވެރިކަން ނެތީމަ: ޢަލީ ޙުސައިން
ހިތުހުރި ބަޔަކަށް ބިން ބަހާލަން ކެރެނީ އަދުލުވެރިކަން ނެތުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މިގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޢަލީ ޙުސައިން ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ބިން ހިތުހުރި ބަޔަކަށް ބަހާލަން ހަމަ ކޮންމެ މީހަކަށްވެސް ކެރެނީ މި ޤައުމުގައި އަދުލުވެރިކަން ނެތީމަ އަދި އެއްވެސް ފިޔަވަޅެއް ދެން އަންނަ ސަރުކާރަކުންވެސް ނާޅާނެކަން ޔަޤީންވާތީ ކަމުގައެވެ. "އެންމެން ގުޅިގެން އަގުބޮޑު ބިންތައް ލޫޓުވާލާއިރު ހައްގުވެރި ނިކަމެތި މީހުންބާކީ"، އޭނާ ވިދާޅުވިއެވެ. ޢަލީ ޙުސައިން މިހެން ވިދާޅުވިއިރު، ބިންވެރިޔާ ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކި ކަމަށް ބުނާ ލިޔުންތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ފުލުހުންގެ ޚިދުމަތުން ވަނީ މި މައްސަލައިގެ ތަޙުޤީޤުވެސް ފަށައިފައެވެ. އެގޮތުން ފުލުހުން ވަނީ އިއްޔެ އެޗްޑީސީއަށް ވަދެ ފާސްކޮށްފައެވެ. އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން މިނިސްޓްރީން އެންގުމުން ކަމަށް ބުނާ ލިޔުންތަކެއް ވެސް އާންމުވެފައިވެއެވެ. އެ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެއެވެ. ނަމަވެސް އޭނާއަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު