Saturday, October 31
ވަގަށް ގޯތި ދިން ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް، މަކަރާއި ހީލަތުން ބިންތައް ދީފައިވާ ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މުޙައްމަދު އިބްރާހިމް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިހާތަނަށް ހާމަވެފައިިވާ ގޮތުން އުސޫލުން ބޭރުން 50 ގޯތި ދޫކޮށްފައިވާ ކަމަށާއި، އެ ގޯތިތަކުގެ ބިމުގެ ޖުމްލަ އަގު 400 މިލިއަނަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާތަނަށް ހާމަވެފައިވާ މައުލޫމާތަށް ބަލާއިރު، އެޗްޑީސީއިން މި ޖަރީމާ ހިންގާކަން ހައުސިންގ މިނިސްޓްރީއަށް އެނގުނުތާ 5 މަސް ފާއިތުވެފައިވާ ކަމަށާއި، ނަމަވެސް އެކަމާމެދު މިނިސްޓްރީން ނުވަތަ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

މިކަމަކީ ދައުލަތަށް އެއްވެސް މަންފާއެއް ނުވާ ގޮތަށް ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކައިލައިފައިވާ މައްސަލައަކަށްވާތީ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭނެ މައްސަލައެއް ކަމުގައި ދެކެމެވެ.

އެހެންކަމުން މިކަން ހިނގާފައިވާ ގޮތް ބެލުމަށާއި، މިކަމުގައި ޝާމިލުވާ އެންމެން ދެނެގަތުމާއެކު، މިފަދަ ކަންކަން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެންގުމަށްޓަކައި މަޖިލިސް މެދުވެރިކޮށް މި މައްސަލަ ބަލައިދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

ބިންވެރިޔާ ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކި ކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފުލުހުންގެ ޚިދުމަތުން ވަނީ މި މައްސަލާގެ ތަހުގީގު ފަށާފައެވެ. އެގޮތުން މިއަދު ވަނީ އެޗްޑީސީއަށް ވަދެ ފާސްކޮށްފައެވެ.

އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން މިނިސްޓްރީން އެންގުމުން ކަމަށް ބުނާ ލިޔުންތަކެއް ވެސް އާންމުވެފައިވެއެވެ.

އެ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެއެވެ. ނަމަވެސް އޭނާއަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު