އާދިއްތަ, November 1
ފަޟުލްއަށް ފިޔަވަޅު އަޅައި މަގާމުން ވަކިކުރަން އެމްޑީޕީ އިން ގޮވާލައިފި

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތި ދިން މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން ވަކިކޮށް ފިޔަވަޅު އަޅަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން ފަޅާއަރައި މިފަދަ ބޮޑު ހިޔާނާތެއް ހިންގާފައިވުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެއް ކަމަށާއި މި މައްސަލަ ފެންމަތިވުމާއެކު ވެސް މިހާތަނަށް އައިއިރު ވެސް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

"ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަމެވެ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތަކަށް ނުވުމާ އެކު މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ. އަދި މިގޮތަށް އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި "ބިންވެރިޔާ" ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

އެޗްޑީސީއާ ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާއިރު ވެސް ރާއްޖޭގެ ތަހުގީގީ އިދާރާތަކާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ދެވޭނެހެން އަމަލުކުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

އަދި ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވަމުންދާ މީހުންގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ އިދާރާއަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން އެމްޑީޕީން ވަނީ ބޯހިޔާވަހިކަމުން ވައްކަން ކުރުމުގެ ފުރުސަތު މި ސަރުކާރަށް ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން ފުލުހުންގެ ޓީމެއް މިހާރު އެޗްޑީސީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު