ދިވެހި ބަހުގެ އަދީބު، އަލްފާޟިލް ޢަލީ ޝަރީފް އަސްރަފީގެ / ޏ. ފުވައްމުލައް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލްމަރުޙޫމް ޢަލީ ޝަރީފް އިބްރާހީމް (ޏ.ޢަލީ ޝަރީފް) އަކީ ދިވެހި ބަހުގެ އަދީބެއް ކަމަށާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ތަޖްރިބާކާރު ޚިދުމަތްތެެރިއެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޢަލީ ޝަރީފަކީ ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 1981 ވަނަ އަހަރު ޙާޞިލްކުރެއްވި ކުޅަދާނަ ޝާޢިރެއް ކަމަށާއި، 31 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވި ހީވާގި، މުރާލި ބޭފުޅެއް ކަމަށެވެ.
"މަރުޙޫމް ޢަލީ ޝަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން."،ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޏ. ޢަލީ ޝަރީފަކީ ދިވެހި ޅެންވެރިކަމުގެ ތެރެއަށް ދެކުނުގެ އަތޮޅުތަކުގައި ބޭނުންކޮށް އުޅޭ ބަސްތައް ގެނެސްދެއްވައި، ޅެންވެރިކަމުގެ ތަފާތު މުބާރާތްތަކުން ކާމިޔާބު ހޯއްދަވާފައިވާ ބޭފުޅެއްވެސް މެއެވެ.
މި ލިޔުން ކިޔާލުމުން